މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ގަތަރު އެއާވޭސްގެ ޖެނެރަލް ސަރވިސް އޭޖެންޓް އޭސް ޓްރެވަލްސް މޯލްޑިވްސްއާ ދެމެދު ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ސަރވިސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އޭސް ޓްރެވަލްސްގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާގެވެ.
މި އެއްބަސްވުމުގެ ދަށުން، ގަތަރު އެއާވޭސް މެދުވެރިކޮށް ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި އަހަރުގެ މެއި މަހު ސީ-ޓު-އެއަރ ޓްރާންސިޕްމަނަޓްގެ ކާގޯގެ ޚިދުމަތް އަމަލީކޮށް ފެށި ފަހުން ދެ ތިން މަހުގެ ތެރޭގައި ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް“ ކަމަށެވެ.
”މި ތިން މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަޅުގަނޑުމެން ކާގޯ ފޮނުވައިފިން. މިއީ ކުރިންވެސް އެއާލައިންތަކުން ފެށުމަށް އެދެމުން އައި ޚިދުމަތެއް އެކަމަކު މިހާތަނަށް ކޮންމެވެސް ސަބަބުތަކަކާހެދި މިކަން ނުވެފައި އޮތީ. މި ސަރުކާރުން އައިސް މި ޚިދުމަތް މި ފެށީ. މިއީ އެހެން ގައުމުތަކުގައި ކުރިންސުރެ ކުރަމުން އަންނަ ކަމެއް. ސްރީލަންކާ އިންވެސް މިކަންކުރޭ. އެކަމަކު ރާއްޖެއަށް މި ލިބޭ އެޑްވާންޓޭޖަކީ ރާއްޖެއިން (ވައިގެ މަގުގެ) ކަނެކްޝަންތައް (ހާއްސަކޮށް ޔޫރަޕަށް) ރަނގަޅުވުން.“ ސީއީއޯ ވަޖީހު ވިދާޅުވި އެވެ.
ސީ.އީ.އޯ ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދީ ހަރަކާތްތައް ފުޅާކޮށް، އާމްދަނީ އިތުރުކުރުމަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ޚިދުމަތް ފުޅާކުރުމަށްވެސް ސަރުކާރުން ބާރު އަޅާ ކަމަށެވެ. އަދި ގަތަރު އެއާވޭސްއާއެކު، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވި އެވެ.




