މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިންނަށް 51،000 ރުފިޔާގެ އައިސް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯޯ) އިން ހިލޭ ބަހައިފި އެވެ.
މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެކަނި އައިސް ދޫކުރަން މިފްކޯއިން ނިންމީ އެދުވަހު ސްޓޮކް ހުސްވަންދެން ކޮންމެ ދޯންޏަކަށް 3 ޓަނުގެ އައިސްދޫކުރުމަށެވެ. މިފްކޯއިން ބުނީ، ހިލޭ ގިނަ އަދަދެއްގެ ދޯނިތަކަށް އައިސް ބުރާސްފަތި ދުވަހު ދޫކުރިއިރު، މަސްވެރިން ބޭނުންވި އަދަދަށް ހިލޭ އައިސް ފޯރުކޮށްދެވުނުކަމަށެވެ.
”މިފްކޯގެ ސައިޓްތަކުން ބުދަ ދުވަހު މަސްވެރީންނަށް ހިލޭ އައިސް ދޫކުރެވުނު ތަފްސީލް ބެލިބެލުމުން އެނގުނީ މަސްވެރިކަމަށް އޮންނަ ތަރުހީބު. އެގޮތުން ބުދަ ދުވަހު 24 މަސް ދޯންޏަކަށް ޖުމްލަ 68 ޓަނު އައިސް ދޫކޮށްފައިވޭ.“ މިފްކޯއިން ބުނެފައި ވެއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގދ.ތިނަދޫ އައިސް ޕްލާންޓުން 5 ދޯންޏަކަށް 15 ޓަނު އައިސް ،ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ) އިން 4 ދޯންޏަކަށް 8 ޓަނު އައިސް ދޫކޮށްފައިވާއިރު، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) އިން 15 ދޯންޏަކަށް 45 ޓަނު އައިސް ދޫކޮށްފައި ވެއެވެ.
މިފްކޯއިން އުފައްދާ އައިސް ޓަނެއްގެ ހަރަދަށް އެވްރެޖުކޮށް 1300 އާއި 1400 ރުފިޔާ ހޭދަވާއިރު އައިސް ޓަނެއް މިވަގުތު ވިއްކަމުންދަނީ 750 ރުފިޔާއަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހު މަސްވެރިންނަށް ދޫކުރި އައިހުގެ އަގު 51،000 ރުފިޔާއަށް އަރައެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އިން އެއްވެސް ދޯންޏަކަށް އައިސް އަޅާފައެއް ނުވެއެވެ. މިފްކޯއިން ފާހަގަކުރިގޮތުގައި މެދު ރާއްޖެތެރޭގެ މަސް ދޯނިފަހަރުތަކުގެ މެދުގައި އައިސް އަށް އޮންނަ ޑިމާންޑު ބޮޑުވެފަ ދެކުނުގެ ގިނަ މަސް ދޯނިފަހަރުން އައިސް ނާޅަނީ، އެ ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކޮށްފައި ހުރުމުން ކަމަށެވެ. އެއީ އިތުބާރު ހިފޭ ސިސްޓަމަކަށް ވެފައި، ގިނަ ދޯނިތަކުގެ އަމާޒު މިހާރު ހިފާފައި ހުރީ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށްކަމުން، އެކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީއިން ލޯނު އެހީތެރިކަން ފޯރުކޮށްދޭކަމަށާއި، މުސްތަގުބަލުގައި އައިސް އަށް އޮންނަ ޑިމާންޑު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.



