ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި މުހިންމު މަސައްކަތްތަކެއް ނިންމާލާފައިވާކަމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މި ޕްރޮޓޮކޯލް އަކީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިސްނެގުމާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ދެވޭ ތެރަޕީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އަމާޒުގައި މިނިސްޓްރީ އޮފް ހެލްތާއި ގުޅިގެން އެކުލަވާލާ ޕްރޮޓޮކޯލް އެކެވެ.
މި ޕްރޮޓޮކޯލް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ނެޝަނަލް ތެރަޕީ ޕްރޮޓޮކޯލް ގެ ޑްރާފްޓް އެކުލަވާލުމުގެ ގޮތުން ކ ތުލުސްދޫގައި 31 މެއިން 1 ޖޫން އަށް ވަނީ ވޯކްޝޮޕެއް ބާއްވާފަ އެވެ. އަދި މި ގައިޑްލައިންތައް މުރާޖާ ކުރުމުގެ ގޮތުން ޕިއާ ރިވިއު ވޯކްޝޮޕެއް މިމަހުގެ 1 ވަނަދުވަހު، މާލޭގައި ބާއްވާފައި ވެއެވެ.
މި ވޯކްޝޮޕްގައި ތެރަޕީ ދާއިރާގައި ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނާއި ސިއްހީ ދާއިރާގެ މާހިރުން ބައިވެރިވެ އެބޭފުޅުންގެ ޚިޔާލުތައް ހުށައަޅުއްވާފައިވާކަމަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެއެވެ.




