ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން، ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އަދި އެހެނިހެން ފީތައް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް، ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެންނަން މިއަދު ކެބިނެޓުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ކެބިނެޓްގެ ނިންމެވުން ހާމަ ކުރައްވައި ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ، ދައުލަތުގެ ރިޒާވް ހަމަޔަކަށް އެޅުވުމަށާއި، އަދި މިކަމާއި ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށް ކެބިނެޓްގައި މުހިންމު މަޝްވަރާތަކެއް ކުރެވި ޑޮަލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދަައުލަތަށް ފައިސާ ދައްކާއިރުގައި މިހާރު ބައެއް ހާލަތްތަކުގައި ދިވެހި ފައިސާއިން ދައްކަމުން އަންނާތީ ސަރުކާރުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން އެ ފައިސާ ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާކަމަށެވެ.
މައިގަނޑު ގޮތެއްގައި ކެބިނެޓުން މިއަދު ނިންމި ނިންމުންތައް:
- ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން މީރާއަށް ދައްކާ ޓެކްސް ޑޮަލަރުން ދައްކަން ޖެހޭ ގޮތަށް ކަނޑައެޅުމަށްޓަކައި ކަމާގޫޅޭ ގާނޫނަށް ބަދަލު ގެނައުން
- ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދޭނަމަ، ޑޮލަރުން ޕެންޝަން ދައްކަން ޖެހޭގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުން
- ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލަށް ދައްކާ ކަސްޓަމްސް ޑިއުޓީ ޑޮލަރުން ދައްކަން ޖެހޭ ގޮތައް ކަނޑައެޅުން
ބަންޑާރަ ނައިބު ވިދާޅުވީ މި ބަދަލުތައް ގެންނަން ނިންމީ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ބްލެކް މާކެޓްގައި ޑޯލަރު މާރުކުރުން ހުއްޓުވުމަށާއި، ޑޮަލރުގެ ތާށިކަމަށް ހައްލެއް ގެނައުމަށް ކަމަށެވެ.
”ވަރަށް ގިނަ ފަހަރަށް ސަރުކާރަށް ލިބޭ ޝަކުވާއެއް ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ރުފިޔާއިން ދެއްކުމަށްޓަކައި ބެލެކް މާކެޓްގައި ޑޮލަރު މާރުކުރާ ވާހަކަ. އެހެންވީމައި މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ކެބިނެޓުން މިއަދުވަނީ މިހާރުން މިހާރަށް މި ތިން ކަންތައް(ކެބިނެޓުން މިއަދު ނިންމި ނިންމުން)ތަންފީޒް ކުރުމަށް ނިންމާފައި. މީގެ އިތުރުންވެސް ރާއްޖެއަށް ދިމާވެފައި މިއޮތް ޑޮަލަރުގެ މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެން އިތުރު މަޝްވަރާކޮށްފައި މި ބަދަލުތަެއް ގެންނާނަން.“ ބަންޑާރަ ނައިބު ވިދާޅުވި އެވެ.
ބަންޑާރަނައިބު ވިދާޅުވީ، ކެބިނެޓުން މިއަދު ނިންމި ކަންކަން ތަންފީޒުކުރުމަށްޓަކައި، ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް އެމްއެމްއޭއާ މީރާއާ މަޝްވަރާކޮށްގެން ގެންނަ އިސްލާހުތައް ދެހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ. އަދި އެއްވެސް ގަވައިދެއް އިސްލާހުކޮށްެގެން ތަންފީޒުކުރެވެން އޮތްނަމަ ކުރިޔަށް އޮތް ހަފްތާތަކުގައި އެއިސްލާހު ގެނެސް ކެބިނެޓްގެ ނިންމުންތައް ތަންފީޒުކުރައްވާނެކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ.




