ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން އެ ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން މިއަދު އެ ބޭންކުގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ގެނައި ބަދަލާއި ގުޅޭގޮތުން މޯލްޑިވްސް މަނީޓަރީ އޮތޯރިޓީ(ޢެމްއެމްއޭ) އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓު ކުޑަ ކުރުމަށް މިއަދު ގެނައި ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލަކަށް ނުވާތީ އެ ބަދަލު މުރާޖާ ކުރުމަށް އެ އޮތޯރިޓީން ބީއެމްއެލްއަށް އިރުޝާދުދިން ކަމަށެވެ. އަދި، ބީއެމްއެލްގެ ކާޑުގެ ޕޭމަންޓްސް މެނޭޖްކުރުމުގައި ގޮންޖެހުންތަކެއް ހުރިނަމަވެސް މާލީ ގޮތުން ބޭންކް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައިކަން އެ އޮތޯރިޓީން ފާހަގަކޮށްފައި ވެއެވެ.
އެމްއެމްއިން ބުނެފައިވަނީ، ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރު މުއާމަލާތްތައް މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދައި އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެކި ފަހަރުމަތިން އެ އޮތޯރިޓީން ބީއެމްއެލް އާ ބައްދަލުކޮށްފައިވާކަމަށެވެ.އެގޮތުން ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު އެކިއެކި ބޭނުންތަކަށް ބޭރުގެ ފައިސާއިން ކުރާ ކާޑުގެ މުއާމަލާތްތަކުގެ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން އެ ބޭންކުން ފާހަގަކޮށްފައިވާކަމަށް އެމްއެމްއޭއިން ބުނެފައި ވެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަ ކޮށް އެމްއެމްއޭއިން ވަނީ ކުރިޔަށް އޮތްތާނގައި ބޭންކްތަކަށް ޑޮލަރު ދޫކުރާ ނިސްބަތް ކަނޑައެޅުމުގައި ގެންގުޅޭ ވިސްނުން ހާމަކޮށްފަ އެވެ.
”ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެ.“ އެމްއެމްއޭގެ ބަޔާނުގައި ވެއެވެ.
ކޮވިޑް 19ގެ އާލަމީ ވަބާއަށް ފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިންގ ނިޒާމުގައި ރުފިޔާ ސަރޕްލަސް ލިކުއިޑިޓީ އިތުރުވެފައިވާއިރު، ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިންގ ނިޒާމުގައި ސަރޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާ ގައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލްއިން ކަމަށް އެމްއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން، ސަރޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާއިރު ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގަ އެވެ. މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގައެވެ. މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެއް ކަމަށް އެމްއެމްއޭއިން ލަފާކޮށްފައި ވެއެވެ.
އެމްއެމްއޭއިން ބުނީ، ފައިނޭންޝަލް ސެކްޓާއަށް ދިމާވެފައިވާ ނިޒާމީ ބައެއް މައްސަލަތަކަށް ޒަމާނީ ހައްލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި، އެ ބަދަލުތައް ވެގެންދާނީ ރާއްޖޭގައި ފޮރިން ޑިރެކްޓް އިންވެސްޓްމަންޓަށް ފަހި މާހައުލެއް އުފެދިގެންދާނެ ފަދަ ބަދަލުތަކެއްކަމަށް ބުނެފައި ވެއެވެ.




