”ގެދޮރުވެރިޔާ ސްކީމްގެ“ ދަށުން ހުޅުމާލޭ ފޭސް-2 ގައި ތަރައްގީކުރަމުން އަންނަ 4،000 ހައުސިންގ ޔުނިޓް މަޝްރޫއުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓްތައް ހަވާލުކުުރުމުގެ މުއާމަލާތްތައް ކުރިޔަށް ގެންދެވޭނީ ހައުސިންގ މިނިސްޓްރީން ވަކި ގޮތެއް އެންގުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން މިހެން ބުނެފައި މިވަނީ އެ ހައުސިންގ ޔުނިޓްތަކުގެ އެއްަބަސްވުމާއި، އަދި ޔުނިޓް ހަވާލުކުރުމާއ ބެހޭގޮތުން ގިނަ ފަރާތްތަކަކުން މައުލޫމާތު ހޯދުމަށް އެކުންފުންޏަށް ހުށަހަޅަމުންދާތީ އެވެ.
އެކަމާއި ގުޅޭގޮތުން އެފްޑީސީން އާންމުކުރި ބަޔާނެއްފައި ބުނެފައިވަނީ، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ޔުނިޓް ލިބޭނެ ފަރާތްތަކާއި އެފަރާތްތަކަށް ލިބޭނެ ޔުނިޓެއް ކަނޑައެޅުމުގެ މަސައްކަތަކީ މިނިސްޓްރީން އޮފް ހައުސިންގެ ލޭންޑް އެނެްޑް އަރބަން ޑެވެލޮޕްމެންޓް އިން ކުރަމުންދާ މަސައްކަތެއް ކަމުގައިވާތީ ޔުނިޓް ހަވާލުކުރުމާގުޅޭ އެންމެހައި ކަންކަމުގައި އެ ކޯޕަރޭޝަނުން އަމަލުކުރަމުން ގެންދާނީ މިނިސްޓްރީން އަންގާގޮތެއްގެ މަތިންކަމަށެވެ.
އެފްޑީސީން ބުނީ، ހައުސިންގް ޔުނިޓްތައް ހަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް މަޑު ޖައްސާލުމަށް މީގެކުރިން،ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނަށް އަންގާދައުވާކަމަށެވެ، އެހެންކަމުން އެ ހައުސިންގ ޔުނިޓް ހަވާލުކުރުމާއި ގުޅޭގޮތުން ކުރެވޭ އެންމްހައި މުއާމަލާތްތަކެއް ކުރިޔަށްގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން، މިނިސްޓްރީން ވަކިގޮތެއް އެންގުމުންކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ 2 ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯރޕަރޭޝަނުން އަންނަނީ 4،000 ހައުސިންގ ޔުނިޓް ތަރައްޤީކުރަމުންނެވެ. އެއީ 18 ބުރީގެ 32 ޓަވަރެވެ. މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 2800 ފްލެޓާއި 2 ކޮޓަރީގެ 1200 ފްލެޓެވެ.



