ފެނެކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) އައްޔަންކުރައްވައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑީއެމްޑީއަކަށް ރުކުމާ އައްޔަންކުރެއްވުމާއެކު މިއަދުވަނީ މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފަ އެވެ. ރުކުމާ ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރެއްވުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ވަނީ މަރުހަބާ ކިޔާފަ އެވެ. މަރުހަބާގެ މެސެޖުގައި އެކުންފުނީގެ ކުރިމަގަށާއި، ލަނޑުދަނޑިތައް ހާސިލުކުރުމުގައި، އެކުގައި މަސައްކަތްކުރުމަށް ރުކުމާގެ ލީޑަރޝިޕް އަދިި ތަޖުރިބާއަކީ އެކުންފުންޏަށް އަގުނުކުރެވޭނެ ފަދަކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.
ފެނަކައިގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަޔަށް ރުކުމާ ހުންނެވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ)ގެ ޑީއެމްޑީ ކަމުގެ މަގާމުގައެވެ. ވެމްކޯގެ ޑީއެމްޑީ ކަމުގެ މަގާމަށް އައްޔަންކުރެއްވީ 11 ޑިސެންބަރު 2023 ގައެވެ.
ރުކުމާއަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ އަދި މާލެ ސިޓީ ކައުންސިލްގައި 2011-2014 އަށް ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ރުކުމާ ޑީއެމްޑީގެ މަގާމަށް އައްޔަންކުރެއްވުމާއެކު، މިވަގުތު ފެނަކައިގަ 2 ޑީއެމްޑީން ތިއްބަވާނެއެވެ. ރުކުމާގެ އިތުރުން މިވަގުތު ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވީ ހުސައިން ޒުހުރީ އެވެ.
ރުކުމާ ފެނަކައިގެ ޑީއެމްޑީއަކަށް އައްޔަންކުރައްވާފައި މިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާކޮށް، އެކުންފުންޏަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ހެދުމަށް އަޒުމް ކަނޑައަޅާ، އެ އަމާޒަށް ވާސިލުވުމަށް އެކުންފުނީގެ މެނޭޖްމެންޓުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.



