ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެން އުޅޭ ފިރިހެނަކު ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލައެއް ބަލަނީ
އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ ދިވެހި ފިރިހެނަކު، އަންހެން ނޫސްވެރިއަކަށް ޖިންސީ ފުރައްސާރަ ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރާއްޖެ ޓީވީ ގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީ ލިޔުނު ހަބަރަކާއި ގުޅިގެން އޭނާއަށް ފުރައްސާރަ ކުރަމުން ދަނީ ”އަންމު“ ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުންނެވެ. އެ އެކައުންޓު ހިންގާ ފަރާތަކީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ ނައިފަރު ގައި ދިރިއުޅެމުންދާ މީހެކެވެ. އޭނާ ވަނީ އެތައް ސަތޭކަ ބަޔަކު ތިބި ޓިކްޓޮކް ލައިވެއްގައި ނޫސްވެރިޔާ ލައިޝާގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި، ލައިޝާގެ އަބުރު ނަގާލާފައެވެ. އަދި ލައިޝާގެ އާއިލާއަށް ހަޑި ހުތުރު އެއްޗިހި ގޮވާ، އެމީހުންގެ ބޮލުގައިވެސް ގިނަ އިލްޒާމު ތަކެއް ”އަންމު“ ވަނީ އަޅުވާފައެވެ.
މި މައްސަލަ ލައިޝާ ވަނީ މިއަދު ފުލުހަށް ހުށަހަޅާފައެވެ. ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުޤީގު ކުރަމުންދާ ކަމަށެވެ.
ނޫސްވެރިޔާ ލައިޝާއަށް ޖިންސީ ފުރައްސާރަ ކުރަމުންދާ މައްސަލަ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ކުށްވެރިކޮށްފައެވެ. އެމްޖޭއޭ އިން ބުނީ މި މައްސަލަ ފުލުހުން ވީ އެންމެ އަވަހަކަށް ތަހުގީގުކޮށް މިކަމުގައި ބައިވެރިވާ އެންމެނަށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ. އަދި އެ މައްސަލަ ތަހުޤީގު ކޮށްދިނުމަށް އެ ޖަމިއްޔާގެ ފަރާތުން ފުލުހަށް ހުށަހަޅާނެ ކަމަށްވެސް އެމްޖޭއޭ އިން ބުންޔެވެ. އަދި ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ވެސް ކަމާ ބެހޭ އިދާރާތަކަށް އެމްޖޭއޭ އިން ގޮވާލާފައިވެއެވެ.
ޓިކްޓޮކް ލައިވް ތަކުގައި އެކަކު އަނެކަކާއި ދިމާލަށް އަވަގުރާނަ ގޮވުމާއި، މީހުން ފަލީހަތް ކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ހިލާފު އެތައް ކަމެއް މިހާރު ވަނީ ދިވެހިންގެ ތެރޭގައި އާންމުވެފައެވެ.




