”ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު“ މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގެ ތެރެއިން ހިންގާގޮތަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން، ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު އެވެ.
ކުރިން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހިންގަމުން އައި މި މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، އެ މަރުކަޒު ހިންގެވުމަށް ކަނޑައަޅާވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިބި މުވައްޒަފުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
ކ. ގުރައިދޫގައި ޤާއިމްކޮށްފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗް.ޕީ.އެސް.އެން)އަކީ ދައުލަތުގެ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ މީހުން ބެލެހެއްޓުމަށްޓަކައި، އުމުރުން ދުވަސްވީ މީހުންނާއި ނަފްސާނީ ބަލިމީހުން ބަލަހައްޓަމުންދާ މަރުކަޒެކެވެ. އެޗް.ޕީ.އެސް.އެން ގައި ބަލަހައްޓާ މީހުންގެ ތެރޭގައި، އުމުރުން ދުވަސްވުމުގެ ސަބަބުން އެނދުމަތިވެ ޢާއިލާގެ އަޅާޅުން ލިބިފައިނުވާ މީހުންނާއި، ޢާއިލާއިން ރައްކާތެރިކަން ނުލިބި އަޅާލާނެ ފަރާތެއް ނެތް މީހުންނާއި، ނަފްސާނީ ބަލީގެ ސަބަބުން ޢާއިލާތެރޭގައި ބަލަހައްޓަން އުނދަގޫ ފަރާތްތައް އަދި މަރުކަޒެއްގައި ބަހައްޓައިގެން އިތުރު ތެރަޕީ ނުވަތަ ފަރުވާ ދޭންޖެހޭ ފަރާތްތައްވެސް ހިމެނެއެވެ.




