ޕްރޮސިކިއުޓަރ ޖެނެރަލް(ޕީޖީ)ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކުރަން ފާސްކުރުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން އެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާ މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް އެމަގާމަށް ކުރިމަތިލުމަށް އެދި ހުށަހެޅޭނެކަމަށެވެ. އަދި، އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު އަންނަ މަހުގެ 10 އިން 11 އަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ބަލައިގަންނާނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
އެ މަގާމަށް ކުރިމަތިލެވޭނެ ޝަރުޠުތަކުގެތެރޭގައި،އުމުރުން 25 އަހަރު ފުރިފައިވާ، މުސްލިމް ދިވެހި ރައްޔިތަކަށް ވުމާއި،އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި،ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގަމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވެއެވެ. އަދި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިނުވާ މީހަކަށްވާން ޖެހޭއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުންނަ މީހަކު ކަމުގައި ވާންޖެހެއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ މަގާމަށް އައު ބޭފުޅަކު 30 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު،މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި މަޖިލީހުގެ ރުހުން ހޯދައިގެންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލައި ޗުއްޓީއަށް ގޮސްފައިވާއިރު، ގާނޫނުގައި ބުނާ މުއްދަތުގެތެރޭގައި ޕީޖީއެއް އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.



