ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީންތަކަކާއި އެމީހުންގެ އޭޖެންޓްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީއަކު ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްލައިފި އެވެ.
މި މީހުން ޑީޕޯޓްކޮށްލާފައިވަނީ ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ހިންގި ޚާއްސަ އިންސްޕެކްޝަނުގައި އެމީހުން ހައްޔަރުކޮށް ހިންގި ތަހުގީގަށް ފަހުގަ އެވެ.
އިމިގްރޭޝަނުން ބުނީ، އެއިންސްޕެކްޝަން ހިންގީ މިމަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެ އިންސްޕެކްޝަންގައި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީ ތިން އަންހެނުން ހައްޔަރުކޮށް ތަހުގީގު ހިންގައި، އެމީހުން ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓްކޮށްފައިވާކަމަށެވެ. އެ ތިންމީހުންގެ ތެރެއިން އުމުރުން 41 އަހަރުގެ އަންހެންމީހާ މިމަހުގެ 12 ވަނަ ދުވަހު ޑީޕޯޓްކޮށްފައިވާއިރު، އުމުރުން 36 އަހަރާއި 38 އަހަރުގެ ދެ އަންހެނުން ޑީޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން ބުނީ، އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކުވެސް އިންސްޕެކްޝަންގައި ހައްޔަރުކުރި ކަމަށާއި، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މިމަހުގެ25 ވަނަ ދުވަހު އޭނާވެސް ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.



