މާތްވެގެންވާ އަލްއަޤްސާ މިސްކިތުގެ ތެރޭގައި ފައްޅިއެއް އެޅުމަށް ގޮވާލާ އިސްރާއީލުގެ މިނިސްޓަރަކު ދާދިފަހުން ދެއްކި ވާހަކަ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެކަން ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،އަގްސާ މިސްކިތުގައި ފައްޅިއެއް އަޅާލަން ގޮވާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަލްއަޤްސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ރޫޙާނީ އަދި ތާރީޚީ ގޮތުން އިންތިހާއަށް މުހިންމު މިސްކިތެއްކަމަށެވެ. އަދި، އެއީ ހަމައެކަނި ގަދަރުވެރި އަޅުކަންކުރާ ތަނެއް ނޫން ކަމަށާއި، އިސްލާމީ ހަޟާރަތުގެ ތަރިކައެއްގެ ރަމްޒެއް ކަމަށް ބަޔާންކޮށް، ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ކަމާބެހޭ ޤަރާރުތަކާ އެއްގޮތަށް އަލްއަޤްސާ މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތައް އިޙްތިރާމް ކުރުމަށް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.
މީގެ އިތުރުން، އިސްރާއީލުގެ ސަރުކާރުގެ އިސް މަސްއޫލުވެރިންގެ މިފަދަ ބަޔާންތަކަކީ، ފަލަޞްޠީނުގެ ޣައްޒާއަށް ހަމަލާ ދިނުން ހުއްޓާލުމުގެ ެއެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތައް ބުރޫ އަރައި، އަދި ދީނީ ހަމަނުޖެހުންތައް ބޮޑުވެ، މެދުއިރުމަތީ ސަރަހައްދުގައި އިތުރު ނުތަނަވަސްކަން އުފެއްދުމުގެ ފުރުސަތު އޮތް ވާހަކަތަކެއްކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި،ގުދުސްއާއި އެތަނުގެ މާތްވެގެންވާ ތަންތަނުގެ ގާނޫނީ ދަރަޖަ ބަދަލުވެދާނެ އަމަލުތައް ހުއްޓުވުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލާފައި ވެއެވެ.
ބަޔާން ނިންމާލާފައިވަނީ ދިވެހި ސަރުކާރުން އަބަދުވެސް ފަލަޞްޠީނުގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމާއި، ފަލަޞްޠީނަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން ނަގާފައިވާ ”ސްޓޭންޑް“ގައި ދެމިތިބިކަން ހާމަކުރަމުންނެވެ.



