ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފަސް ލައްކަ ގަސް އިންދުމަށް ވެފައިވާ ވައުދުގެ ދަށުން، މިހާތަނަސް30،000އަށް ވުރެ ގިނަ ގަސް އިންދައިފި އެވެ.
5 އަހަރުގެ ތެރޭގައި ސްޓޭލްކޯއިން މަދުވެގެން 500،000 ގަސް އިންދުމަށް ވެފައިވާ ވައުދަކީީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ތިމާވެށީގެ ދުވަހު އިފްތިތާހުކުރެއްވި ”ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ވެފައިވާ ވައުދެކެވެ.އެކުންފުނީގެ ފަރާތުން ވަނީ، އެންވަޔަރަންމެންޓް މިނިސްޓްރީއާއެކު ވައުދުނާމާއެއްގައި ސޮއިވެސްކޮށްފަ އެވެ.

ރައީސްގެ ރިޔާސީ ވައުދު ފުއްދުމަށް، ސްޓެލްކޯއިން ފަސްލައްކަ ގަސް އިންދުމުގެ ވައުދުނާމާގައި ސޮއިކުރުމަށްފަަހު،ހަމަ އެދުވަހު އެ ކުންފުނީގެ ހުރިހައި މުވައްޒަފުން ޝާމިލުވާގޮތަށް، މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ފަސް ލައްކަ ގަސް އިންދުމުގެ ބޮޑު ހަރަކާތް ފެށިއެވެ. ޖޫންމަހުގެ 5 ވަނަ ދުވަހު އެ ހަރަކާތް ފެށީ މާލެ އަތޮޅު ވެރިކަން ކުރާރަށް ތުލުސްދޫއިންނެވެ. އެދުވަހު ތުލުަސްދޫ ކައުންސިލްއާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނާއި، ތުލުސްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ގަސް އިންދާފައި ވެއެވެ. ތުލުސްދޫގެ އިތުރުން، ފުރަ މާލެ ސަރަހައްދު ހިމެނޭހެން ސްޓެލްކޯއިން އިންޖީނުގެތައް ހިންގާ 33 ރަށެއްގައި އެއްފަހަރާ ސްޓެލްކޯއިން ގަސް އިންދަން ފަށާފައިވާއިރު އެދުވަހު ދިވެހި ރުކާއި، ކިނބިގަހާއި، ދިއްގާގަހާއި، ހިރުނދުގަހުގެ އިތުރުން އޮފި އެލޭ ގަސްތައް ހިމެނޭހެން 21,007 ގަސް އިންދައި ފެންދޭން ފެށި އެވެ.
އޭގެ ފަހުން ޖޫން މަހުގެ 12 ވަނަ ދުވަހު، ކ ދިއްފުށީ އިންޖީނުގޭގެ މަސައްކަތް ކޮންޓްރެކްޓަރކާއި ހަވާލުކޮށް އާ އިންޖީނުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ހަވާސާގައި ވަނީ 1،000 ގަސް އިންދާފަ އެވެ. އަދި، 24 ޖޫންގައި ސްޓެލްކޯއިން ޚިދުމަތް ދޭ ހުރިހައި ރަށެއްގައި ކުރިޔަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތުގައި ޖުމްލަ 8،364 ގަސް އިންދާފައި ވެއެވެ. މިއާއެކު، މި ވައުދުގެ ދަށުން ސްޓެލްކޯއަށް މިވަނީ ޖުމްލަ 30،371 ގަސް އިންދިފަ އެވެ.
ސްޓެލްކޯއިން ބުނީ ފަސްލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމުގެގޮތުން ކުރިޔަށް އޮތް ތަނުގައި ސްޓެެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި މަހަކު އެއްފަހަރު ގަސް އިންދުމުގެ ހަރަކާތެއް ބާއްވާނެކަމަށެވެ.
ފަސް މިލިއަން ގަސްއިންދުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ އެއް ވައުދެވެ.



