”އިމިގްރޭޝަން ވޮޗް“އަށް 400އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފި އެވެ.
އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ކުރި ”އިމިގްރޭޝަން ވޮޗް“ އިފްތިތާހުކުރީ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 473 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 369 މައްސަލަ ބަލަމުން އަންނައިރު،82 ރިޕޯޓެއް ކަށަވަރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އަދި، އެ އިދާގެ މޭންޑޭޓްގައި ނުހިމެނޭ 22 މައްސަލައެއްވެސް އިމިގްރޭޝަން ވޮޗްއަށް ރިޕޯޓުކޮށްފައި ވެއެވެ.
”އިމިގްރޭޝަން ވޮޗް“ އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް އާންމުންނަށް 24 ގަޑީއިރުި ރިޕޯޓްކުރެވޭގޮތަށް އާންމުކޮށްފައިވާ ޕްލެޓްފޯމެެކެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވޭނެއެވެ.
މިޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، ”އެނޮނިމަސް“ ކޮށްވެސް ރިޕޯޓް ކުރަމުންދާއިރު، މިއީ އާންމުންނާއި ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ފަހިވެފައިވާ ޕްލެޓްފޯމެއްގެ ގޮތުގައި އިމިގްރޭޝަނުން ފާހަގަކޮށްފައި ވެއެވެ.




