ތައިލޭންޑް ގެ ބެންކޮކްގައި ކުރިޔަށްދާ ”ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024“ ގައި ރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ފަނޑިޔާރުކަން ކޮށްފިއެވެ.
އޮގަސްޓް 28 އިން 31 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރަތުގައި ބައިނަލްއަޤުވާމީ ގިނަ ޝެފުންތަކެއް ފަނޑިޔާރުން ގޮތުގައި ބައިވެރިވެއެވެ. މި މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، މޮންގޯލިއާ، ކެމްބޯޑިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސް ހިމެނެއެވެ.
ޖުމްލަ 8 ރައުންޑަށް ބަހާލައިގެން ކުރިޔަށްދާ މި މިބާރާތުގެ ޗެމްޕިއަންކަން ހާސިލް ކުރާ ޓީމަކަށް 15،000 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރުތައި ފަނޑިޔާރުކަން ކުރާ ދިވެހި ޝެފް މަހާ އަކީ ބައިނަލްއަޤުވާމީ ”މާސްޓަރް ޝެފް“ ގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފް އެވެ. މި ލަގަބަކީ ވޯލްޑް މާސްޓާރ ޝެފް ސޮސައިޓީގެ ފަރާތުން ދުނިޔޭގެ އެންމެ މޮޅު ޝެފުންނަށް އަރުވާ ލަގަބެކެވެ. ކަލިނަރީ ދާއިރާއިން ގައުމީ އަދި ބައިނަލްއަޤުވާމީ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ މަހާ ވަނީ ރާއްޖޭގެ ޝެފްސް ގިލްޑް ގެ ސެކްރެޓަރީ ޖެނެރަލް ކަންވެސް ކޮށްފައެވެ. އޭނާ މިވަގުތު މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝެން (އެމްއެމްޕީއާރުސީ) ގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.



