ފިލައިގެން އެކި ފަރާތްތަކުން ރިޕޯޓްކޮށްފައިވާ 10 ބިދޭސީއަކު އިމިގްރޭޝަނުން ހޯދައިފި އެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން ހޯދާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު އިމިގްރޭޝަނުން މާލެ ސިޓީގައި ކުރިޔަށް ގެންދިޔަ އިންސްްޕެކްޝަންގެ ތެރެއިން ކަމަށެވެ.
ބުދަ ދުވަހު ހަވީރު 16:00 އިން 18:00 އަށް މާލޭގައި ހިންގި ޚާއްސަ އިންސްޕެކްޝަންގައި ޖުމްލަ 211 އިމިގްރޭޝަން އޮފިސަރުން 52 ގްރޫޕްއަކަށް ބަހާލައި މާލޭގެ 582 ތަނެއް ބަލާ ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައި ވެއެވެ.
އިމިގްރޭޝަނުންބުނީ، އެ އިންސްޕެކްޝަންގައި ބިދޭސީންގެ ތެރެއިން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ 10 މީހަކު ހޯދާ، އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި، ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސްދީ، ގަވާއިދާ ހިލާފަށް އެމީހުން ލައްވާ މަސައްކަތްކުރުވާ 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުލޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން އޮޕަރޭޝަންތައްް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގަވައިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ ވިޔަފާރިތަކާއި، ކެފޭ ތަކާއި ސްޕާތަކަށް ދަނީ ރެއިޑްކުރަމުންނެވެ. އަދި މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުންނަށް އިތުރު ފުރުސަތެއް ނުދީ ދަނީ ޑީޕޯޓްކުރަމުންނެވެ.




