ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު މީހަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
މާލެސިޓީ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) ފުލުހުން ހޯދަމުންދަނީ އާއިލާއިން އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާއި ގުޅިގެންނެވެ.
އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން ފުލުހަށް މައުލޫމާތުދީފައިވެއެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި / ހުކުރު) ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.
ތަސްލީމްގެ އާއިލާއިން ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާ ގެއްލިގެން ހޯދަމުންދާކަަން ހާމަކޮށް އެހީއަށް އެދިފަ އެވެ. އާއިލާއިން ބުނީ ހުވަފެންފުށި ކައިރި އޮންނަ ސޭންޑް ބޭންކް އަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އިއްޔެ ތަސްލީމު ގެއްލިފައިވާ ކަމަށެވެ. އަދި، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 7433331 އަށް ގުޅާ މައުލޫމާތު ފޯރުކޮށް ދިނުމަށް އާއިލާއިން އެދިފައި ވެއެވެ.




