ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންތަކެއް ފިލަންވެގެން ކުޅުދުއްފުށްޓަށް ދަތުރުކޮށްފައި ވަނިކޮށް، އެމީހުން ހޯދައި، އިމިގްރޭޝަނަށް ހާޒިރުވާން ނޯޓިސް ދީފި އެވެ.
އިމިގްރޭޝަނުން މި މީހުން ހޯދާފައިވަނީ،ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުންދިއުމާ ގުޅިގެން، ހިންގި އޮޕަރޭޝަނެއްގަ އެވެ.
އިމިގްރޭޝަނުން ބުނީ ހޮނިހިރު ދުވަހު ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް،ކުޅުދުއްފުއްޓަށް ދިއަ ބޯޓެއްގައި ތިބި ބިދޭސީންތަކެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ފާސްކުރުމަށްފަހު، އެ ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މީގެ އިތުރުން ބިދޭސީން ކުޅުއްދުއްފުށްޓައް ދަތުރުކުރި ބޯޓުގެ ކެޕްޓަނަށް ލިޔުމުން ނަސޭހަތްދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ޤާނޫނުގެ ދަށުން މިފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޕޮލިސް އަދި އިމިގްރޭޝަން ގުޅިގެންނެވެ.
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޚާއްސަ އޮޕަރޭޝަންތައް ފަށައި، މާޅެ ސަރަހައްދުގައި އެމީހުން އުޅޭ ތަންތަނަށް ރެއިޑްކޮށް، އެމީހުން ހައްޔަރުކޮށް ޑީޕޯޓްކުރަމުން ދިއުމާއި ގުޅިގެން ބިދޭސީންތައް ފިލައިގެން ރަށްރަށަށް ދާކަން ފާހަގަކުރެވިފައި ވެއެވެ. އެހެންކަމުން މި އޮޕަރޭޝަން އަތޮޅުތެރެއަށް ފުޅާ ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.




