ސަރުކާރުގެ ސިޔާސަތަކީ ސިނާއަތްތަކުގަައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަޑު އަހައިގެން އެ ސިނާއަތްތަކުގެ ކަންކަން ބައްޓަންކުރުންކަމަށް ރައީސް ޑރ. މުަހަމައްދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި އެމަނިކުފާނު ބޭއްވެވުމަށް ހަމަޖެހިފައިވާ 2 ބައްދަލުވުމަކާއި ބެހޭ ގޮތުން ރައީސް އޮފީހުން ސޯޝަލް މީޑިއާގައި އާންމުކުރައްވާފައިވާ ވީޑިއޯ މެސެޖެއްގަ އެވެ.
އެމެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މިއަދު ފުރަތަމަ ބައްދަލު ކުރައްވާނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން(ބީކޭއެމްޔޫ)ގެ އެންމެ އިސްވެރިންނާކަމަށާއި، އެބައްދަލުވުމުގެ އިންތިޒާރުގައި ހުންނެވި ކަމަށެވެ. އަދި، ރާއްޖޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ އަޑުއަހައިގެން ކުރިއަށްދިއުން ކަމުން، މިއަދުގެ ބައްދަލުވުމުގައި ސަރުކާރުން ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަދި ސިޔާސަތަކީ ވެސް ކޮންމެ ސިނާއަތެއްގައި ވެސް މަސައްކަތް ކުރާ ބޭފުޅުންގެ އަޑު އަހައިގެން ކަންތައްތައް ބައްޓަން ކުރުންކަމަށެވެ.
ބީއެމްކޭޔޫގެ އިތުރުން ފަހި ޔޫނިއަންއާއި، ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަނާއި، ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި، ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީގެ އިތުރުން މާލޭ ރަށްވެހިންގެ ޖަމިއްޔާތައް ހިމެނޭގޮތަށްވެސް ބައްދަލުވުމެއް މިއަދު ބާއްވަވާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ، ގިނަ ޢަދަދެއްގެ ރައްޔިތުން ތަމްސީލުކުރާ ޖަމްޢިއްޔާތަކެއްކަމުން، ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކެއް އެބައްދަލުކުރެއްވުމުން އެނގިގެންދާނެކަމަށެވެ.
”އެ ބޭފުޅުންގެ ހުރި އެކި ކަހަލަ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި އަދިވެސް ހިއްސާކުރުމަށް ބޭނުންވާ ވާހަކަތައް ހިއްސާ ކުރުމަށް އެ ބައްދަލުވުމުގައި އެ ބޭފުޅުން ބޭނުން ވަރަކަށް ފުރުސަތު ދޭނަން. އަޅުގަނޑު ބޭނުންވަނީ މި ހުރިހާ ބޭފުޅުންގެ އަޑު އަހަން. މި ހުރިހާ ޖަމިއްޔާތަކަކީ ވަރަށް ގިނަ ރައްޔިތުން ތަމްސީލްކުރާ ބައެއް. އެހެންވީމަ އެ ބޭފުޅުންނާއި ބައްދަލުވެގެން ވަރަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ.“ ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ގެދޮރުވެރިކަމުގެ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް ރޭވިފައިވާކަންކަމުގައިވެސް ރަނގަޅު ނަތީޖާއަކަށް ދިޔުމަށް މިފަރާތްތަކުގެ މަޝްވަރާގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.




