ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ހަވާލާދީފައިވާ ޤާނޫނާއި ޤަވާއިދުގެ ދަށުން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ ޢަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކަށް ހޯމް މިނިސްޓްރީން އިތުރު ފުރުސަތެއް ދީފި އެވެ.
ހޯމް މިނިސްޓްރީން މިކަމާގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެއްލައްކަ ރުފިޔާއަށްވުރެ މަދުން ފީތަކާއި ޖޫރިމަނާ ދައްކަން ޖެހޭ ފަރާތްތަކަށް،މިމަހުގެ16 ވަނަ ދުވަހުގެ ނިޔަލަށް އެ ދައްކާ ޚަލާސްކުރުމަށް އަންގާކަމަށެވެ. އަދި، އަލުން ދިން މި މުއްދަތުގައި،ފައިސާ ދައްކައި ޚަލާސްނުކުރާ ފަރާތްތަކުގެ ތަފްސީލު އާންމުކޮށް އިއުލާނުކޮށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ހޯމް މިނިސްޓްރީން ބުނީ، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ މި މިނިސްޓްރީއަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެެހެންކަމުން މިއަދުން ފެށިގެން، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުޞަތު ދޭން ނިންމާފައިވާކަމަށެވެ. މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މަޢުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
ހޯމް މިނިސްޓްރީން ބުނީ،އިތުރު މަޢުލޫމާތު 1500 ގުޅައިގެން ނުވަތަ xpat@1500help.mv އަށް އީމެއިލް ކޮށްލުމުން ސާފުކޮށްދޭނެކަމަށެވެ.
ބިދޭސީންގެ ފީތަަކަށް އެއްލައްކައަށްވުރެ ގިނައިން އަރާފައިވާ ފަރާތްތަކުގެ ނަން މީގެކުރިން ހޯމް މިނިސްޓްރީން އާންމުކޮށް، އެ ފައިސާ ދެއްކުމަށް މުހުލަތުތަކެއް ދީފައި ވެއެވެ.



