ސަރުކާރުގެ މެނިސްފެޓޯގައި މަސްވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ ކަންކަން ނިންމުމާއެކު، މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަގޮތެއްގައ ހައްލެއް ލިބިގެންދާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ ހިންގާ ކޮމިޓީގެ ބޭފުޅުންނާ އެކު މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިއުންކަމުގަ އެވެ. އަދި މެނިފެސްޓޯގައި ހުރި ކަންކަން ކުރިއަށްގެންދިއުމަށް މަސައްކަތް ކުރައްވާކަމަށާއި، އެކަންކަން ނިމުމުން މަސްވެރިކަމުގެ ސިނާއަތަށް ޖުމްލަ ގޮތެއްގައި ހައްލެއް ލިބިގެންދާނެކަމުގައި ފާހަގަކުރެއްވި އެވެ. އަދި ބީ.ކޭ.އެމް.ޔޫ މެންބަރުންގެ ޝުޢޫރުތަކާއި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފުރުޞަތު ދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް ޢަމަލު ނުކުރައްވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަން ކުރެއްވުމުން މި ސިނާއަތް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ފާހަގަކުރެއްވި އެވެ. އަދި އެބޭފުޅުން ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ ކުޑަވުމުންނާއި، މަސްވެރިކަމުގެ ސިނާޢަތަށް ވަންނަ ނުވަތަ ގުޅޭ ފަރާތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފަ އެވެ. އަދި މަސް ކިރުމުގައި ހުރި ދަތިތަކާއި، ދޯނިތަކަށް ހޯދަންޖެހޭ ސާފުތާހިރުކަމުގެ ލިޔުން ހޯދުމުގައި ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވާފައި ވެއެވެ. މީގެ އިތުރުންވެސް މިހާރު މަސްދޯނި ފަހަރު އޮންނަ ސަރަހައްދު ބެލުމަށް ބޭނުންކުރާ ޑިވައިސްގައި ހުރި އުނދަގޫކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ. އަދި އެ ބޭފުޅުންވަނީ ”ފްލޯ ޕްރައިސް“ ގެ ދަށުން މަސްވިއްކޭނެ ގޮތެއް ސަރުކާރުން ހޯދައި ދިނުމަށާއި، ބޮޑުކަންނެލި މަސްވެރިކަމަށް ޚާއްޞަ ބޮއި ހޯދައިދެއްވުމަށާއި، އެންވެރިކަން ކުރާ ސަރަހައްދުތައް ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި މިނިސްޓްރީގެ ކަމާ ގުޅޭ އިސް ބޭފުޅުންނާއި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ގެނެވެންހުރި ޙައްލުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބީ.ކޭ.އެމް.ޔޫގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.



