ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައެޅުއްވި އައު ސަފީރު، ޝިއުނީން ރަޝީދު އެކަމަނާގެ ސަފީރު ކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހަބުއްދީން އަށް އަރުވައިފި އެވެ.
ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ރިޔާސީ ގަނޑުވަރު ”ބޮންގަބަބަން“ ގައި އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ބަންގްލަދޭޝްގެ ރައީސް ޝަހަބުއްދީން ވަނީ ސަފީރު ޝިއުނީންއަށް ހޫނު މަރުހަބާއެއް ދަންނަވައި ތަހުނިޔާ ވިދާޅުވެފަ އެވެ.

މިބައްދަލުވުމުގައި ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްގެ ރައީސްއަށާއި ރައްޔިތުންނަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހެޔޮއެދުންތަކާއި ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި، ބަންގްލަދޭޝް ސަރުކާރާއެކު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކޮށް، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ދަމަހައްޓައި އިތުރަށް ވަރުގަދަ ކުރުމަށް އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ. ސަފީރު ޝިއުނީން އަކީ ރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި ހަތްވަން ސަފީރެވެ.



