އަޒަރްބައިޖާން އެއާލައިންސް ނުވަތަ އާންމު ނަމުންނަމަ އަޒަލްގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށް އެ އެއާލައިނުން ނިންމައިފި އެވެ.
މިކަން އިއުލާނުކޮށް އެ އެއާލައިނުން ބުނެފައިވަނީ، ރާއްޖެއަށް ދަތުރުތައް ފަށާނީ އަންނަ ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އަޒަރްބައިޖާންގެ ބަކޫ އިން ރާއްޖެއަށް ހަފުތާއަކު ދެ ދަތުރު ކުރަން ހަމަޖެހިފައިވާ ވާއިރު، ދަތުުރުތައް އޮންނާނީ ކޮންމެ ހަފުތާއަކުވެސް އާދީއްތަ އަދި ހުކުރު ދުވަހުކަމަށް ބުނެފައި ވެއެވެ.
އެ އެއާލައިނުން މިހާރުވަނީ މި ދަތުރުތަކުގެ ޓިކެޓް ވިއްކަން ފަށާފައެވެ. އެ އެއާލައިންގެ ރަސްމީ ވެބްސައިޓުންނާއި އެޕްލިކޭޝަން މެދުވެރިކޮށްނާއި، އަޒަލް ޓިކެޓް އޮފީސްތަކުންވެސް ޓިކެޓް ގަނެވޭނެކަމަށް އެއާލައިން ބުނެފައި ވެއެވެ.
އަޒަރްބައިޖާން އެއާލައިނަކީ، އަޒަރު ބައިޖާންގެ ގައުމީ އެއާލައިނެވެ. އަދި އެގައުމުގައި އޮޕަރޭޓްކުރަމުން އަންނަ އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިން އޭޝިއާ އާއި ޔޫރަޕްގެ ގިނަ މަންޒިލްތަކަށް ސީދާ ދަތުރުތައް ކުރެއެވެ.
މިއީ، ރާއްޖެއަށް މި އެއާލަިންގެ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. މިދަތުރުތަކުގެ ސަބަބުން އަޒަރް ބައިޖާންގެ މީހުންނާއި ދިވެހިންނަށް އެހެން މަންޒިލެއްގައި ޓްރާންސިޓް ނުކޮށް ދެމަންޒިލަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.




