ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ޔޫއޭއީއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެކުވެރި ޢަރަބި އިމާރާތުގެ ޚާރިޖީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރުވަނީ އެކުވެރި ޢަރަބި އިމާރާތުގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅެއް، ޚާރިޖީ ވަޒީރަށް އަރުވާފަ އެވެ.
މި ބައްދަވުމުގައި، ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ، ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ބައިނަލްއަޤްވާމީ މަސްރަހުގައި ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުމާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން މިނިސްޓަރ ޒަމީރުވަނީ އެކުވެރި ޢަރަބި އިމާރާތުން ރާއްޖެއާމެދު ބަހައްޓަމުން އަންނަ ގާތް ގުޅުމާއި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަންކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޒަމީރުގެ އަރިހުގައި، ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް؛ އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް، ޑރ. ހާލާ ހަމީދު؛ ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ؛ އަދި އެކުވެރި ޢަރަބި އިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ ޙައްސާން ވަހީދު ބައިވެރިވަޑައިގެންނެވި އެވެ.




