ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްފި އެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ޖަލްސާގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ދިވެހި ޤައުމިއްޔަތުގެ އިސްވަރަކީ ރައީސުލްޖުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ދިވެހި ޤައުމިއްޔަތު އިޔާދަ ކުރުމުގެ ޤައުމީ ނިޒާމުގެ މުހިންމު އެއް ގުނަވަނެވެ. ދިވެހި ޤައުމިއްޔަތުގެ އިސްވަރު އެކުލެވިގެން ވަނީ މައިގަނޑު 5 ދާއިރާއެއްގެ މައްޗަށެވެ. އެ ފަސްދާއިރާއަކީ، ދިވެހިބަހުގެ ދާއިރާއާއި ދިވެހި ތާރީޚާއި ދިވެހި ތަރިކައިގެ ދާއިރާއާއި ދިވެހި ސުމޭކުގެ ދާއިރާ އަދި ދިވެހި ފަންނުގެ ދާއިރާއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުންވެސް ހަވާލުކޮށްދެއްވާފަ އެވެ.
ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންް:
– ދިވެހިބަހުގެ އިސްވާރު – މަރްޔަމް ތައުފީޤާ މ. ޑްރީމީ ލައިޓް
– ދިވެހި ތާރީޚުގެ އިސްވާރުކަން – އަލްއުސްތާޛް ކަށިމާ އަޙްމަދު ޝާކިރު މއ. ކަށިމާ
– ދިވެހިތަރިކައިގެ އިސްވާރުކަން – ޙަސަން ޒަރީރު ސ. މަރަދޫ ލޮނުފެން
– ދިވެހި ސުމޭކުގެ އިސްވާރުކަން – މުޙައްމަދު ޢަބުދުލްޤާދިރު ގ. ގޯޅިތެރޭގެ
– ދިވެހި ފަންނުގެ އިސްވާރުކަން – މަރްޔަމް ޢިޝާ ޢަޒީޒު ހ. ހާލި
މިއަދުގެ ޖަލްސާގައި ރައީސް ވިދާޅުވީ، މުސްތަޤުބަލުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ބަދަލުކުރައްވާނެކަމަށެވެ. އަދި، މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖަކަށް ވާނެކަމުގައި ވިދާޅުވި އެވެ. އެގޮތުން އެކޮލެޖު ވާނީ މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ މެންބަރ ޝިޕު ކޮލެޖަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ގޮތުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުންކަމުގައެވެ.
”މުސްތަޤުބަލުގައި އުފެދޭ ދިވެހި ތަރިކައިގެ ކޮލެޖު ނުވަތަ މި ވަގުތު ނަމަ، މި އޮތް ދިވެހި ޤައުމިއްޔަތުގެ އިސްވަރު މުޅި ރާއްޖެއަށް އިރާދަކުރެއްވިއްޔާ އިންޤިލާބީ ބަދަލެއް މިކަމުގައި ގެންނާނެ.“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އިސްވަރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކާ ގުޅުންހުރި އެކި ޢިލްމުތަކުން އެކި ފަރާތްތަކަށް ލަފާ ދެއްވައި، ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ފުރިހަމަ އެންތޮލޮޖީއެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރާނެކަމަށެވެ. މީގެ އިތުރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ ކޮންމެ ދާއިރާއަކުން އެ ދާއިރާގެ ކުރިއެރުމާއި، ގޮންޖެހުންތަކުގެ ޢިލްމީ ކަރުދާހެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރުމުގެ އިތުރުން ދިވެހި ޤައުމިއްޔަތުގެ ދާއިރާތަކާ އަލަށް ގުޅޭ ޒުވާނުންނާއި ކިޔަވާ ކުދީންގެ ވިޔުގަތައް އުފައްދައި ފުޅާކޮށް ދަމަހައްޓާނެކަމަށެވެ.



