ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ މިނިވަންކަމާ، އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.
އެމެސެޖުގައި، ނައިބުރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން، ދިވެހި ޤައުމަށް އިސްކަންދިނުން، ”މޯލްޑިވްސް ފަސްޓް“ ޕޮލިސީ ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ މިނިވަންކަމާ، އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށާއި، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވުމަށްކަމަށް ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް ވާޞިލްވުމަށް އެންމެން އަޒުމު ކަނޑައަޅައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
”މިއަދު އަޅުގަނޑުމެން ދިވެހީން އެއްރޫޙެއްގައި އަތާއަތްގުޅައި ޢަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް“ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ބޮޑުތަކުރުފާނު ފަދަ ބަޠަލުންގެ ހިންމަތުން ޢިބްރަތް ޙާޞިލްކޮށް، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރާނެ ޚިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފަ އެވެ.
މެސެޖު ނިންމަވާލައްވާފައިވަނީ ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، ޤައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ޤައުމަށް ޚިދުމަތްކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާއެކު އަދާކުރެއްވުމަށް ބާރުއަޅުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ މީސްމީޑިއާގައި ޕޯސްޓެއްވެސް ޙިއްޞާކުރައްވާފަ އެވެ.




