ރާއްޖޭގެ މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި، ތަންފީޒުކުރަން ފަށަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގެވި އެއްގެވުންތައް ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރަމުންދާނެކަމުގެ ޔަގީންކަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ދެއްވައިފި އެވެ.
ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުފަހަރު ކޮންޓްރޯލްކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށާއި، އުޅަނދަށް ބަދަލުގެނެސްގެންނާއި، އުޅަނދުގެ ބާވަތުން ދުއްވާއިރު ބާރުއަޑު އިވޭ އުޅަނދުތައް ބޭނުންކޮށްގެން، އުޅަނދުފަހަރުން ނުކުންނަ ގަދަ އަޑަކީ ޢާއްމު އުނދަގުލަކަށްހެދުން ހުއްޓުވައި، ޢާއްމުރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށް 8 ކަމެއް ނިންމަވައި، އެކަންކަން ތަންފީޒުކުރުމަށް ކަމާބެގޭ މުއައްސަސާތަކަށް އަންގަވާފަ އެވެ.
ރައީސްގެ ނިންމެވުންތަކުގެ ތެރެއިން، ގިނަ ކަންތައްތަކެއް ފުލުހުންގެ މުއައްސަސާތަކަށް އަމާޒުވާއިރު، މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ، ރައީސް އެ ނިންމެވި ނިންމެވުންތައް ފުލުހުން އެންމެ ފުރިހަމަޔަށް ތަންފީޒް ކުރައްވާނެކަމަށެވެ.
ރައީސް އެންގެވުންތަކުގެ ތެރޭގައި،ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމާއި، ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އަންގަވާފައި ވެއެވެ.އަދި، ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމާއި،އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން ހިމެނެއެވެ.
މީގެ އިތުރުން،ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފަށައި،މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރަން ރައީސް އަންގަވާފައި ވެއެވެ.
އެޗްޑީސީއަށް އެންގި އެންގުންތަކުގެ ތެރޭގައި،ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކިސަރަހައްދެއް ބޭނުންކުރުމަށް އެކުންފުނިން ދީފައިވާ ހުއްދަވަގުތުން ބާތިލުކުރުމާއި،ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން ހިމެެނެއެވެ. އެގޮތުން، ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކޮށް، ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރަން އަންގަވާފައި ވެއެވެ.




