ޑޮލަރު ވިއްކުމުގެ ސްކޭމްތަކެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ، މި ދުވަސްވަރު ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވެފައިވާކަމަށެވެ. އަދި، އެކަމުގައި ގިނައިން ބިދޭސީން ހަރަކާތްތެރިވާއިރު ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީތަކުގައި މިފަދަ ސްކޭމްތައް ހިންގާ މިންވަރު އިތުރުވެފައިވާކަމަށެވެ.
ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅު ކަމަށް ބުނެ، ފުލުހުން ވަނީ މިފަދަ ސްކޭމްތަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ފާހަގަކުރާގޮތުގައި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައި ގިނައިން ހަރަކާތްތެރިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނެވެ. މިފަދަ މީހުން ދެނެގަތުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހު ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، ހިންގި ހާއްސަ ރެއިޑެއް ގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 05 ބިދޭސީއަކު ވަނީ އަތުލައިގެންފަ އެވެ. އެމީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ވަނީ ފެނިފައިވާއިރު، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.



