މިދިޔަ އަހަރުގެ އޯގަސްޓް މަހާ އަޅާ ކިޔާއިރު، މިއަހަރުގެ އޯގަސްޓްމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %14 އިތުރުވެފައި ވާކަން މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ1 ވަނަ ދުވަހުން ފެށިގެން15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 132,979 ފަތުރުވެރިންނެވެ. އަދި،މިއަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 152,338 ފަތުރުވެރިންނެވެ. މިއީ %14 ކުރިއެރުމެކެވެ.
މި ސަރުކާރުގެ އަމާޒަކީ، ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިޔަނަށް އެރުވުން ކަމަށްވީއިރު، މިއަދާ ހަމަޔަށް ރާއްޖެއައި ޓުއަރިސްޓުންގެ އަދަދު ވަނީ 1.3 މިލިޔަނަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ،1.2 މިލިއަން ފަތުުރުވެރިންނެވެ. އެހެންކަމުން މި މުއްދަތުގައި ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ނިސްބަތް އަޅާކިޔާއިރު މިއަހަރު މިވަނީ %10.5 ގެ ކުރިއެރުމެއް ލިބިފަ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި ކުރިޔަށް މިއޮތް ފިނި މޫސުމާއި، އާއަހަރުގެ ޗުއްޓީއަށް (ނުވެމްބަރ – ޑިސެމްބަރ) ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދު ގިނަވެގެންދާނެއެެވެ.
މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު ރާއްޖެ އައި 1.3 މިލިއަން ފަތުރުވެރިންގެ ތެރެއިން %15 ހިއްސާ ކުރަނީ ޗައިނާއިންނެވެ. އެގައުމުން 202،000 ފަތުރުވެރިން މިހާތަކަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. ދެވަނަޔަށް އެންމެ ގިނަ ފަތުުރުވެރިން އައި ގައުމުކަމަށްވާ ރަޝިޔާއިން 150،000 ޓުއަރިސްޓުން އައިސްފައިވެއެވެ.
ޔޫރަޕްގެ ގައުމުތަކުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންވެސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައި ވެއެވެ. އެންމެ ގިނައިން ފަތުުރުވެރިން އަންނަ ގައުމުތަކުގެތެރޭގައި އިނގިރޭސިވިލާތާއި، އިޓަލީވިލާތާއި، ޖަރުމަންވިލާތް ހިމެނެއެވެ.
- އިނގިރޭސިވިލާތް: 120،000 ފަތުުރުވެރިން
- އިޓަލީވިލާތް: 102،000 ފަތުުރުވެރިން
- ޖަރުމަންވިލާތް: 97،000 ފަތުުރުވެރިން
މި ހުރިހާ މާކެޓަކީވެސް ފިނި މޫސުމުގެ އަސަރު ކުރާ ގައުމުތަކަކަށް ވުމުން، ކުރިޔައް އޮތް 4 މަސް ތެރޭ ސަރުކާރުގެ އަމާޒު[ (އަދި އިތުރު 700،000 ފަތުރުވެރިން އަހަރު ނިމުމުގެ ކުރިން) ހާސިލުވާނެކަމަށް ބެލެވެއެވެ.



