ސަރުކާރުގެ އެހީގެ ދަށުން ތިނަދޫ ސިޓީގައި ގާއިމްކުރި ސާފިން ހަޓް ހުޅުވައިފި އެވެ.
މި ހަޓް ހުޅުވައި ދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާން އަދި ތިނަދޫގެ މޭޔަރ ސައުދު އަލީ އެވެ.
ސާފް ހަޓަކީ، 2023 ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި އެ މިނިސްޓްރީގެ ގްރާންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގެ ދަށުން ހުވަދޫ ރެކްރިއޭޝަންއިން ގާއިމުކުރި ހަޓެކެވެ.
މިނިސްޓްރީގެ ގްރާންޓްގެ ދަށުން މި ޕްރޮޖެކްޓްއަށް 245،000 ރުފިޔާގެ ފައިސާގެ އެހީ ދީފައިވާއިރު،ހުވަދޫ ރެކްރިއޭޝަންގެ ފަރާތުން އެހެނިހެންގޮތުން ހޯދި 35،000 ރުފިޔާއާއެކު، މި ޕްރޮޖެކްޓަށް ޖުމްލަ 280،000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ސާފިން ހަޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޝައްމާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ބާރުވެރިކުރުވުންކަން ފާހަގަކުރައްވާ ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފެދި އެމިނިސްޓްރީގެ ދަށުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ޒުވާނުންގެ ހުނަރާއި ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގެ އެކި ކަންކަމުގައި ފުޅާކުރުމުގެ މަސައްކަތް ކުރުން ކަމުގައި ފާހަގަކުރެއްވި އެވެ. އަދި ޒުވާނުންގެ މިނިސްޓަރ އިބްރާހިމް ވަހީދުގެ ސީދާގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ކަންކަން ރާވައި ހިންގަމުންދާއިރު ތިނަދޫގައި މިފަދަ ހަޓެއް އެޅުމުން ދައްކައިދެނީ ޒުވާނުން މުޖުތަމައުގެ ތަރައްގީގައި ބައިވެރިވާން ބޭނުންވާ މިންވަރު ކަމަށް ސްޓޭޓް ފާހަގަކުރެއްވި އެވެ.
ތިނަދޫގައި ހުޅުވި މި ހަޓާއެކު ތިނަދޫގެ ސާފިން ސަރަހައްދު އިތުރަށް ތަރައްގީކުރުމަށްޓަކައި ރަށުގެ ކައުންސިލާއި ގުޅިގެން ޒުވާނުން އިތުރަށް މަސައްކަތް ކުރުމަށް ސްޓޭޓް ޝައްމާން ބާރު އެޅުއްވި އެވެ.



