ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް އަލަށް ގުޅުނު ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފި އެވެ.
ސީއެޗްއެސްއީ ހުޅުމާލެ ގޮފީގައި މިއަދު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، މަގުމަތީގައި އުޅޭއިރު ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންކަމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމުގައި ދަރިވަރުންގެ ޒިންމާއާއި ހިއްސާ އަކީ ކޮބައިކަން ކިޔައިދީފައި ވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖެ އާއި އެހެނިހެން ގައުމުތަކުގައި އޮތް ހާލަތާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިގްތިސާދާ ގުޅިފައިވާ މިންވަރާ ގުޅޭގޮތުން ވެސް މައުލޫމާތުދީފައި ވެއެވެ.އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޓްރެފިކް ޕޮލިސް، އެވެއާނަސް އެންޑް ޕްރިވެންޝަން ޔުނިޓުން ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ސްކޫލުގެ 521 ދަރިވަރުންނަށް ބައިވެރިވި އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސްކޫލު ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމުތައް ފުލުހުން ދަނީ ހިންގަމުންނެވެ.




