ޓެލެގްރާމް ޗެނެލްތަކެއް މެދުވެރިކޮށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކަމުން ދިޔަ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހެއްގެ ވަނަވަރު ހާމަކޮށްފި އެވެ.
މި ތިން މީހުން ހައްޔަރުކޮށްފައިވަނީ، ޓެލެގްރާމުގައި ގިނައަދަދެއްގެ ޗެނަލްތަކެއް ހަދައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ، ވިއްކައިގެން މާލީ މަންފާ ހޯދަމުން ދިޔަ މައްސަލައިގަ އެވެ.
މި މައްސަލައިގެ ތަހްގީގު ކުރިޔަށްދާއިރު، މި މީހުން އަދިވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ބަންދުގަ އެވެ. މިއަދު ފުލުހުން ވަނީ އެ ތިން މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ. އެއީ، އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު ޢަލީ (45އ) އާއި، މާލެ ދަފުތަރު ނަންބަރު ރސ14751 ނާޞިފް ޢަލީ (64އ)، ގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، އިސްމާޢީލް ރަބީޙް، (29އ) އެވެ.
ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޒުބައިރު އަލީއާއި، ނާސިފް އަލީ ހައްޔަރުކޮށްފައިވަނީ އޯގަސްޓްމަހުގެ 10 ވަނަ ދުވަހު އެވެ. އަދި،އިސްމާއިލް ޒަބީހް ހައްޔަރުކޮށްފައިވަނީ އޯގަސްޓް 20 ވަނަ ދުވަހު އެވެ. މި މީހުން ހިންގަމުންދިޔަ ޗެނެލްތައް ސީޒްކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
މި ތިން މީހުން ހައްޔަރުކޮށް މައްސަލައާ ގުޅުން ހުރި ޑިޖިޓަލް އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކޮށް، މި ތިންމީހުންގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް 9 އެކައުންޓު ފުލުހުންގެ ބާރުގެދަށަށް ގެނެސް ސީޒް ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ހިމެނޭ 571 ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒް ކޮށްފައިވެއެވެ. މި ޗެނަލްތަކުގައި ރާއްޖޭގެ އަންހެނުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ 241651 ފޮޓޯއާއި 86618 ވީޑިއޯ (18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯ އާއި ވީޑިއޯ ހިމެނޭހެން) ޕޯސްޓުކޮށްފައިވާކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އަދި ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓުކުރުމަށް 43 ޗެނަލް ހިންގާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ.
މި ޗެނަލްތަކަށްވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާކަމާ އަދި މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި 2 މިލިޔަނެއްހާ ރުފިޔާ އާމްދަނީއެއް ނަހަމަގޮތުގައި ހޯދާފައިވާކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ.
މިގޮތަށް މީސްމިޑިއާގައި ފޮޓޯއާއި ވީޑިއޯ ލީކުކޮށް އަދި ބްލެކްމެއިލްގެ ޝިކާރައަށް ވެފައިވާ ފަރާތްތަކުން ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9136262 އަށް މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައި ވެއެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި، އަމަލުތައް އިސްލާހުކޮށް ވިސްނުންތެރިކަމާއެކު ޒިންމާދާރު މީހަކަށްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފައި ވެއެވެ.




