ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް އެދި، ވަޒީފާ ދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ފޯމުތައް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މުރާޖަޢާކޮށް ބަދަލުތަކެއް ގެނެސްފި އެވެ.
އެ ވުޒާރާއިން ފޯމްތައް މުރާޖާޢާކޮށްފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މިގެނައި ބަދަލުތަކަކީ ބިދޭސީންގެ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ވާނެގޮތަށް ވަކިކޮށް، އެފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެފޯމުތަކުގައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ގެނެވުނު ބަދަލުތަކެއް ކަމަށް ވުޒާރާއިން ބުނެފައި ވެއެވެ.
އެގޮތުން ބިދޭސީން މަސައްކަތްކުރާ ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައ،ި މަސައްކަތުގެ ބާވަތައް ބަލައި 5 ބާވަތެއްގެ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް (ކޮންސްޓްރަކްޝަން) ފޯމް
- ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް
- ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
- ކުއްޔަށް ނަގާފައިވާ ބިމެއް/ އިމާރާތެއް/އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
- އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މިހާރު ވަނީ ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ސައިޓް ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ވޯކް ސައިޓް ޑިކްލެރޭޝަން ފޯމަށްވެސް ބަދަލު ގެނެސްފަ އެވެ. މި ފޯމުތައް ހުށަހަޅަންޖެހޭނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް، ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހުއެވެ. އަދި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކުރިކަމުގެ ސެޓްފިކެޓް ހުށަހަޅަންވާނެކަމަށް ވުޒާރާއިން ބުނެފައި ވެއެވެ.
މި ފޯމުތައް ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، ވުޒާރާއިން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަންޖެހޭނެކަމަށްވެސް ވުޒާރާއިން ބުނެފައި ވެއެވެ.



