މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، ”ވަޓްސްއެޕް“ މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން އާންމުންނަށް ވީޑިއޯ ކޯލްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކޯލުތަކުގައި އެމީހުންގެ ޒާތީ މަޢުލޫމާތާއި، ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަމަށާއި، އެއީ އިމިގްރޭޝަންގެ އޮފިސަރުންގެ އަމަލެއް ނޫންކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
”މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަޤީންކަން ދެން. އަދި މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން.“ އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ފަހަކަށް އައިސް ސަރުކާރުގެ ކުންފުނިތަކާއި، ބޭންކްތަކާއި، އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް ކޯލް ކުރަމުންދާ މައްސަލަ ވަނީ އިތުރުވެފައެވެ. މިކަން ހައްލު ކުރުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.



