ޓޯވް ކޮށްފައި ހުރި ސައިކަލަކާއި ހަވާލުވާން ހުޅުމާލެ ފޭސް-1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހަކު، އެތަނަށް ގެއްލުން ދިނުމުން އޭނާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. މާލެ، ހ. ހެމަވަތި ޒައިދާން މުހައްމަދު ޒާހިރެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ޒައިދާންގެ ސައިކަލު ޓޯވ ކުރީ، ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއްގައި ކަމަށެވެ. އަދި އެ ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، އެ ސްޓޭޝަންގެ ހުޅަނގުފަރާތު ދޮރުގެ ލައިޓް ތަޅާލުމާއި ގުޅިގެން ރޭ 04:15 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އަދި، ޒައިދާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 1 ރަބަރު ޕެކެޓް އޭނާ ލައިގެން ހުރި ޖިންސުގެ ޖީބަކުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޒައިދާން ޕޮލިސް ސްޓޭޝަންއަށް ގެއްލުންދިން މައްސަލައާއި، މަސްތުވާތަކެތި ގެންގުޅުނު މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



