ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު(ސީއީއޯ)ގެ މަގާމުގައި ހުންނެވި ކާލް ސްޓުމްކެ، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބީއެމްއެލްއިން މިއަދު އާންމުކުރި ދެންނެވުމެއްގައި ބުނެފައި ވަނީ،އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ނަމަވެސް،މިމަހުގެ 21 ވަނަ ދުވަހު ބާއްވާ އެ ބޭންކުގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގއާ ހަމަޔަށް މަގާމުގައި ދެމިހުންނަވާނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އާ ސީއީއޯއެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށާއި، އެމަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރިޔަށްދާ މުއްދަތުގައި ބޭންކް ހިންގެވުމުގެ ޒިންމާ އުފުއްލަވާނީ ބޭންކްގެ ޑެޕިއުޓީ ސީއީއޯ ކަމަށެވެ.




