މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.
ފުލުހުން ބުނީ، މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުން ފުޅާކޮށް ފުލުހުން އިތުރަށް ހަރަކާތްތެރިވަމުން ގެންދާނެކަމަށެވެ. އެގޮތުން، ކާރުބާރު ބޮޑުވާ މަގުތައް، ހާއްސަކޮށް މާލެ ބޮޑުތަކުރުފާނުމަގު، މަޖީދީމަގު، މާރުކޭޓު ސަރަހައްދު، ސްކޫލުތައް ހިމެނޭ މަގުތައް، ހަތަރުއަނގޮޅި ހިމެނޭ ބޮޑެތި މަގުތައް އަދި މާލެއާއި ހުޅުމާލެ ބްރިޖުު ފެށޭ އަދި ނިމޭ ހިސާބުގެ އިތުރުން އެއާޕޯޓު ޓްރެފިކް ލައިޓު ކައިރި، ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދާއި ސްކޫލުތައް ހިމެނޭ ސަރަހައްދުތައް އަދި އެހެނިހެން ހިސާބުތަކުގައި ވެސް މަގުތައް ތަރުތީބުކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
މިގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ކުރާނެކަމަށާއި، މި މަސައްކަތުގެ ދަށުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އާންމުންނަށް އިރުޝާދު ދެމުންދާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.
- އުޅަނދު ދުއްވަން އެރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކަން ޔަގީން ކުރުން
- ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުން
- ޓްރެފިކް ނިޝާންތަކަށް ސަމާލުވުން
- ރައްކާތެރި ހެލްމެޓް އަޅުއްވައި ހެލްމެޓްގެ ބަކުލް އަޅުއްވާ ބާރުކުރެއްވުން
- 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވޭ ސަރަހައްދު ތަކުގައި 4 ފުރޮޅުލީ އުޅަނދު ދުއްވާއިރު ސީޓްބެލްޓް އެޅުއްވުން
- އުޅަނދު ދުއްވާއިރު މޯބައިލް ފޯނު ބޭނުން ނުކުރެއްވުން
- ކުޑަކުދިން 4 ފުރޮޅުލީ އުޅަނދުގައި ގެންދާއިރު އެކުދިންނަށް ހާއްސަ ގޮނޑި ބޭނުން ކުރެއްވުން
- އުޅަނދުތަކުގައި މުދާ އުފުލާއިރު ރައްކާތެރިކަމަށް އިސްކަންދެއްވުން
ފުލުހުން ބުނީ، މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.


