ސޯސަންމަގުގައި ހުންނަ، ހ. ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ، އެހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 14:47 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ފުލުހުންވެސް ދަނީ، މި ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންނެވެ.
އަލިފާން ރޯވެފައިވަނީ، އެއިމާރާތުގައި އިންނަ ކެފޭއެއްގެ ބަދިގޭގައެވެ. އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވެއެވެ.
އަޕްޑޭޓް(15:25):
އަލިފާން ގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ. މުޅި ސަރަހައްދަށް ވަނީ ދުންފެތުރިފަ އެވެ.
ޖެހިގެން ހުރި ދެ ގެއަކަށް އަލިފާނުގެ އަސަރު ދަނީ ކުރަމުންނެވެ. އެގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަޕްޑޭޓް(15:30):
ހ. ދޫހިމެރިގެއާ އިންވެގެން އިން ދޮންއަންނާރުގެއިން މީހުން ހުސްކޮށްފި އެވެ.
އަޕްޑޭޓް(15:35):
އަލިފާން ނިއްވާ އިތުރު ވެހިކަލް އަކާއި އިތުރު ސިފައިންވެސް އަލިފާން ނިއްވުމުގެ މަސައްކަތަށް ނެރެފި އެވެ.
މި ސަރަހައްދުގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފަސްޓް ރެސްޕޮންޑާސްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އަޕްޑޭޓް(15:42):
އެމްއެންޑީއެފް އިން ބުނީ، އަލިފާންގަނޑު އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
އަޕްޑޭޓް(16:00):
ކެފޭގައި ރޯވި އަލިފާންގަނޑު ނިއްވުމަށް މިހާރު ދަނީ ފޯމްވެސް ބޭނުން ކުރަމުން- އެމްއެންޑީއެފް
”އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެކަމުގެ ޔަގީންކަން އެބައޮތް. މިހާރު ވަށައިގެން އިތުރަށް ކައިރީގައި ހުރި ގެތަކަށްއަލިފާން ނުހިފާނެ ގޮތަށް ފައިޓް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ޓީމްތައް މިހާރުވެސް އެތެރެއަށް ވަދެ މަސައްކަތްކުރަމުން އެބަދޭ.ހަމަ އެއާއެކު ފޯމް ބޭނުން މިކުރަނީ އަލިފާން ނިއްވަން. ސަބަބަކީ ރެސްޓޯރެންޓް ކަހަލަ ތަންތަނަކީ ތެލުގެ ބާވަތްތައް ގިނައިން ބޭނުންކުރާ ތަނަކަށްވާތީ، މިތަނަށް ފޯމްވެސް ޖަހަމުން މިދަނީ. މިވަގުތުވެސް ޓމްްތައް މަސައްކަތް ކުރަމުން މިދަނީ. އިރާދަ ކުރެއްވިއްޔާ ފުރާނަޔަށް ގެއްލުންވުން ކަހަލަ އެއްވެެސް ޚަބަރެއް އަދި ލިބިފައެއްނެތް.“ ފަޔަރ އެންޑް ރެސްކިއު ސަރވިސް
އަޕްޑޭޓް(16:05):
މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ދެންމެ ފުލުހުން ބުނެފި އެވެ، އެއީ، ބިދޭސީ އަންހެނަކާއި ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.



