ހ. ދޫހިމެރިގޭގައި ރޯވި އަލިފާންގަޑު އިތުރަށް ނުފެތުރޭ ވަރަށް ކޮންޓްރޯލް ކުރެވިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ބުނެފި އެވެ.
ހ. ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 14:47 ހާއިރު އެވެ. އެމްއެންޑީއެފްއިން ބުނީ، އެހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވާން ފެށިކަމަށެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް ހިއްސާކުރައްވަމުން ފަޔަރަ އެންޑް ރެސްކިއު ސަރވިސްގެ އޮފިޝަލް ދެންމެ ވިދާޅުވީ، މިހާރު އަލިފާންގަނޑު އިތުރަށް ނުފެތުރޭވަރަށް ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
“އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާނެކަމުގެ ޔަގީންކަން އެބައޮތް. މިހާރު ވަށައިގެން އިތުރަށް ކައިރީގައި ހުރި ގެތަކަށްއަލިފާން ނުހިފާނެ ގޮތަށް ފައިޓް ކުރަމުން މިދަނީ. އަޅުގަނޑުމެންގެ ޓީމްތައް މިހާރުވެސް އެތެރެއަށް ވަދެ މަސައްކަތްކުރަމުން އެބަދޭ.“ ފަޔަރ އެންޑް ރެސްކިއު ސަރވިސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އަލިފާން ނިއްވުމަށް މިހާރު ފޯމްވެސް ބޭނުން ކުރަމުންދާކަމަށެވެ. އެއީ، އަލިފާން ރޯވީ ކެފޭއަކަށްވާތީ، އެ ކަހަލަ ތަންތަނަކީ ތެލުގެ ބާވަތްތައް ގިނައިން ބޭނުންކުރާ ތަނަކަށްވުމާއެކު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިހާދިސާގައި، އެއްެވެސް މީހެއްގެ ފުރާނަޔަށް ގެއްލުންވުން ކަހަލަ އެއްވެެސް ކަމެއް ދިމާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
ފުލުހުންވެސް ދަނީ މިސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ، މަގުމަތީގައި ތިބި ދެމީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.އެއީ، ބިދޭސީ އަންހެނަކާއި ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓ(އެންޑީއެމްއޭ)އިންނާއި މޯލްޑިވިއަން ރެޑް ކްރެސެންޓުންވެސް ދަނީ، މި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެންޑީއެމްއޭއިން ބުނީ، އަލިފާނުގެ ހާދިސާ ހިނގި ގޭގައި ތިބި 6 ދިވެހިން އިވޭކުއޭޓްކޮށްފައި ވާކަމަށެވެ. އަދި، އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި، ޒަރޫރީ ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
މި ހާދިސާ ހިނގީ ކެފޭއެއް ކަމުގައި ވިނަމަވެސް، އެ އިމާރާތުގެ ޓިނު ޖަހައިގެން ހަދާފައިވާ ބިދޭސީން ދިރިއުޅޭ ބްލޮކްއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި، އެތަނުގައި 50 އެއްހާ މީހުން ދިރިއުޅޭކަމަށް ލަފާކުރެވޭކަމަށްވެސް އެމްއެންޑީއޭއިން ބުނެފައި ވެއެވެ. އެންޑީއެމްއޭއިން ބުނީ، އެމީހުން ދެނެގަނެ ބޭނުންވާ ޒަރޫރީ އެހީ ދެމުންގެންދާނެކަމަށެވެ.




