ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަަލައަކީ މަޝްރޫޢަށް ފައިސާ ހޯދުމުގެ ދަތިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ”ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް“ ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޙައްސާސް ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން ދައްކާފައިވާ މިސާލަށް ބައްލަވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަަލައަކީ މަޝްރޫޢަށް ފައިސާ ހޯދުމުގެ ދަތިކަންކަމަށެވެ. އެހެންކަމުން މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ މި ބޭނުންފުޅުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބެންކް ވެގެންދާނީ ޑިޖިޓަލް އިނޮވޭޝަން، ދެމެހެއްޓެނިވި ތަރައްޤީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިނޭންސްކުރާ ބެންކެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ހަމައެކަނި އިޤްތިޞާދީ ފައިދާ ހޯދުން ނޫންކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެންދިޔުންވެސް ހިމެނޭ ކަމަށެވެ. އަދި، ރައްޔިތުން އެފަދަ މާޙައުލަކަށް ބާރުވެރިކުރުވާ، އޭގެ ސަބަބުން، ކުރިމަގުގައި ޑިޖިޓަލް ސެކްޓަރުގައި ހަރަކާތްތެރިވާ ކްރިއޭޓަރުންނާއި އިނޮވޭޓަރުން އުފެއްދޭނެ މާޙައުލެއް ޤާއިމްވެގެންދިޔުމަކީވެސް ޑިޖިޓަލައިޒޭޝަންގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެގޮތުން ޑިޖިޓަލް މޯލްޑިވްސް ފަދަ ޕްރޮގްރާމްތަކުގެ ޒަރީޢާއިން، ޒުވާނުންނަށް ބޭނުންވާ އެކި ހުނަރު ދަސްކޮށްދީ، ޑިޖިޓަލް އިޤްތިޞާދެއްގައި ކާމިޔާބީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށާއި ފަރަގުކުރުމެއްނެތި، ހަމަ މި ފުރުޞަތުތައް ކަނބަލުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ޑިޖިޓަލައިޒޭޝަންގެ އެހީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައި ވެއެވެ. އެގޮތުން، ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި ”އަރލީ ވޯނިންގް ސިސްޓަމާއި“ ”ސްމާޓް“ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވި އެވެ.
މިއަދުގެ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޑިޖިޓަލައިޒޭޝަންގެ ފައިދާތަކުގެ އިތުރަށް އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެެވެ. އަދި މި ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލު ހޯދުމަށް ބައިނަލްއަޤްވާމީ ގުޅުންތައް މުހިންމުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖެއަކީ ކުޑަ ޤައުމަކަށްވީ ނަމަވެސް، ރައްޔިތުންގެ އެއްބާރުލުމާއި ހިންމަތާ، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަމާއެކު، ރާއްޖޭގެ ތަރައްޤީގެ އަމާޒު ހުރީ އެއަށްވުރެ ތަނަވަސްކޮށްކަން ފާހަގަކުރައްވާފައެވެ. އަދި، ޤައުމެއްގެ ތަރައްޤީ މިންކުރެވިގެންދާނީ ހަމައެކަނި އީޖާދީ ވަޞީލަތްތަކުން ނޫންކަމަށާއި، އެފަދަ ވަސީލަތްތަކުގެ ޒަރީޢާއިން ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދެވޭ މިންވަރަށް ކަަަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު ވިދާޅުވިއެވެ.



