ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން އަލުން ހުޅުވާލައިފި އެވެ.
މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޔޫތު މިނިސްޓްރީން ބުނީ، މި އިނާމަށް ނަން ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން، އަލުން ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) އިންނެވެ.
އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް info@youth.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ މިނިސްޓްރީން އެދިފައި ވެއެވެ.
މިނިސްޓްރީން ބުނީ، އެވޯޑަށް މީގެ ކުރިން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާއިރު އަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ޒުވާނުންގެ އެވޯޑް ދިނުމަށް ޖަލްސާ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ގައެވެ. ނަމަވެސް ޔޫތް މިނިސްޓްރީން ވަނީ އެ ޖަލްސާ ފަސްކޮށްފައެވެ.



