އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދީނީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މި މަހުގެ 15 ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާއްޖޭގައި ދީނީ ހަރަކާތްތައް ހިންގާ ޖަމްޢިއްޔާތައް ގުޅިގެން ދިވެހިރާއްޖޭގައި ދީނީ ދަޢުވަތުގެ ކަންކަން އެންމެ ކާމިޔާބު ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާއިމެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އޮންލައިންކޮށްވެސް މި ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އަދި، މި ބައްދަލުވުމުގައި ބައިވެރިވުމަށް މިހާރުވެސް ރާއްޖޭގެ އެކި ޖަމްޢިއްޔާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށާއި، އިތުރު ޖަމްޢިއްޔާތަކަށްވެސް ބައިވެރިވުމުގެެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާކަމަށެވެ.
ދީނީ އެކި ކަންކަމުގައި މަސައްކަތްކުރާ ފަރާތްތަކާއެކު އިސްލާމިކް މިނިސްޓްރީން ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން ޢިލްމުވެރިން އަހަރީ ބައްދަލުވުން ބާއްވާފައިވާއިރު، ޙައްޖާ ޢުމްރާއާއި ގުޅޭ އަހަރީ ބައްދަލުވުމާއި ޒަކާތާއި ގުޅޭ ބައްދަލުވުމެއް ބޭއްވުމަށްވެސް ތައްޔާރުވަމުން އަންނަކަމަށް އެ މިނިސްޓްރީން ބުންޏެވެ.



