މާލެ ސިޓީގައި ހުންނަ ނެޝަނަލް ސްޓޭޑިއަމް ނުވަތަ އާންމު ނަމުންނަމަ ގަަލޮޅު ދަނޑުގެ ލައިޓް މަރާމާތުކުރުމަށް 4 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތައް އަދާހަމަކޮށް، އެމައުލޫތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ، މިސަރުކާރު ފެށުނު އިރު އެންމެ ފުރަތަމަވެސް އިސްކަން ދިނީ ކުޅިވަރުގެ ވަސީލަތްތައް ފަންކްޝަނަށް ގެނައުމުގެ މަސައްކަތްކުރުމަށް ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ،މާލޭގައި ކުރިޔަށްދިޔަ ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދެވޭނެގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
”އޭގެތެރޭގައި،ސްޓޭޑިއަމްގެ ލައިޓްތައް މަރާމާތުކޮށް،ފަންކްޝަނަށް ގެނައުން އެއީ ވަރަށް މުހިންމުކަމެއްކަމުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނު.ސަބަބަކީ، ވަަރަށް ޒަމާންވީކަމެއް ކުޅެވެން އޮތީ ހަމަ ހަވީރުގެ ވަގުތު. މުބާރާތް ދިގުދެމިގެންދާކަންވެސް އަޅުގަނޑުމެންނަށް މީޑީއާތަކުންވެސް ހަމާވެގެންދިޔަ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމަަށް ހައްލެއް ގެނައުމުގެ ގޮތުން، ސްޓޭޑިއަމްގެ ލައިޓްތައް މަރާމާތުކޮށް މިހާރު ނިންމާފައިވާކަމަށާއި، އެމަސައްކަތައް ގާތްގަނޑަކަށް 4 މިލިއަނެއްހާ ރުފިޔާ ޚަރަދުވި ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ޒޯން ސްޓޭޑިއަމްތައް މަރާމާތުކުރުންވެސް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ކުރިޔަށް ގެންދިޔަކަމަށެވެ. ވަކިން ޚާއްސަކޮށް އައްޑޫސިޓީ ހިތަދޫ ޒޯން ސްޓޭޑިއަމް މާރާމާތުކޮށް، އެތަނުގައި އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތްވެސް ވަރަށް ފުރހަމަކަމާއެކު ބޭއްވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް މަރާމާތު ކުރަން ފަށާފައިވާއިރު، އެ މަސައްކަތުގެ ފުރަތަމަ ފޭސް މަސައްކަތް ނިމިފައިވާކަމަށާއި، އެކަމަށްވެސް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި، ތިނަދޫ ޒޯން ސްޓޭޑިއަމްވެސް މިހާރު މަރާމާތުކޮށް ނިމިފައިވާއިރު، އެކަމަށްވެސް ގާތްގަނޑަކަށް 9 ލައްކަ ރުފިޔާ ޚަރަދުވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިސަރުކާރަށް މިވީ ނުވަ މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް މިނިސްޓްރީން ކުޅިވަރުގެ ދާއިރާގެ ތަރައްގީއަށް ކޮށްފައިވާ މަސައްކަތުގެ ތަފުސީލީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. ވަކިން ޚާއްސަކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީން ކުރުމާއި، އަދި ހޯދިފައިވާ ކާމިޔާބީތައް ހިއްސާކުރައްވާފައި ވެއެވެ.




