45 ވަނަ ޗެސް އޮލިމްޕިއާޑްގައި ރާއްޖޭގެ 10 ކުޅުންތެރިން ބައިވެރިވެއްޖެ އެވެ.
ހަންގޭރީގެ ބުޑަޕެސްޓުގައި މިއަދުން ފެށިގެން،މިމަހުގެ 23 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއިން އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ފަސް ކުޅުންތެރިން ހިމެނޭހެން 10 ކުޅުންތެރިން ވާދަކުރެ އެވެ.

ގައުމީ ޗެސް ޓީމް ފުރުމުގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވަނީ ބައިވެރިންނާއި ބައްދަލުކުރައްވައި، ހިތްވަރުދެއްވާފަ އެވެ. އެ ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ މިފަދަ ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލްކުރުމަށް ތައްޔާރުވާއިރު، ކުޅުންތެރިން ވިސްނަންވީ ކަންތައްތަކާއި، ގައުމަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތްކޮށްދިނުމަށް އެދިފަ އެވެ. އަދި މުބާރާތުގައި ވާދަކުރާއިރު، އަބަދުވެސް މޮޅުވުމަށް މަސައްކަތްކުރުމަށާއި، މެޗަކަށްފަހު މެޗެއް ރަނގަޅުކޮށް ކުރިއެރުން ހޯދުމަށް އަމާޒުކުރުމަށް ވަޒީރު ނަސޭހަތްތެރިވި އެވެ.

ޗެސް އަކީ ދިވެހިރާއްޖޭގައި ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވާ ވަޒީރު ރާފިޢު ވަނީ ޗެސް އެސޯސިއޭޝަނުން ކުރައްވަމުން އަންނަ މަސައްކަތްވެސް ފާހަގަކުރައްވާފަ އެވެ.
ޗެސް އޮލިމްޕިއާޑްއަކީ، ދުނިޔޭގެ އެންމެ ބޮޑު ޗެސް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 190 ގައުމަކުން 1800 އަށްވުރެ ގިނަ ވާދަކުރެ އެވެ. މިއަހަރަކީ، އެންމެ ގިނަ ގައުމުތަކުން މި މުބާރާތުގައި ބައިވެރިވާ އަހަރުކަން ފާހަގަކޮށްލެވެއެވެ.


