ނ. ހޮޅުދޫގައި މިއަދު އުމުރުން ދުވަސްވީ މީހަކު އަނިޔާވެރިގޮތަކަށް މަރުވެފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ޚާއްސަ ޓީމެއް އެރަށަށް ގޮސްފި އެވެ.
ނ.ހޮޅުދޫ ގެއެއްގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އެރަށު ނިއުލައިފް، ޒަކިއްޔާ މޫސާ މަނިކު (50އ) އެވެ.
ޒަޚަމްތަކަކާއެކު، ހޮޅުދޫ ގެެއެއްގައި އަންހެނަކު އޮތްކަމަށް ފުލުހުންނަށް ހެނދުނު 10:10 ހާއިރު ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް އޭނާގެ ހަށިގަނޑު އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އަދި، އެރަށު ސިއްހީ މަރުކަޒާއި ހަވާލާދީ އެމީހާ ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.
ފުލުހުން ދަނީ މިއަދު ހެނދުނުން ފެށިގެން ސީންގައި ހަރަކާތްތެރިވަމުންނެވެ.
މިމައްސަލައާއި ގުޅިގެން މިއަދު މެންދުރު ފުލުހުން ބުނީ، އެ މައްސަލަ ތަހުގީގު ކުރުމަށް މާލެއިން ޚާއްސަ ތަހުގީގު ޓީމެއް ހޮޅުދޫއަށް ދިއުމަށް ފުރާފައިވާކަމަށެވެ. އެހެންނަމަވެސް، ޓީމްގައި ހިމެނެނީ ކޮންބައެއް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.



