މަނީ ލޯންޑަރިންގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިންޑިއާ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފި އެވެ.
އިންޑިއާގެ ރައްޔިތެއްކަމުގައިވާ އުމުރުން 27 އަހަރުގެ އަބްދުލް ރަގޫބް ނިސްތާރް ޚަލީލް ރަހްމާން ހައްޔަރުކޮށްފައިވަނީ މިމަހުގެ2 ވަނަ ދުވަހު މާލެއިން، ސްރީލަންކާގެ ކޮލޮމްބޯއަށް ފުރަން ގޮސް ހުއްޓައެވެ. އޭނާ ހައްޔަރުކުރީ، ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅުމާއި ގުޅިގެން މަނީލޯންޑަރިންގެ ތުހުމަތުގަ އެވެ.
އޭނާގެ ވަނަވަރު ހާމަކޮށް މިއަދު ފުލުހުން ބުނެފައިވަނީ، އެ މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިމަހުގެ 3 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުކުރަން ނެރެދިން އަމުރުގެ މުއްދަތު ހަމަވުމުން، އިއްޔެ އަނެއްކާވެސް ކޯޓަށް ހާޒިރުކުރުމުން ދެވަނަ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ޖަހާދީފައި ވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.




