އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް ތަންތަން ކުއްޔަށް ދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.
އިއްޔެ ފެށި މިއޮޕަރޭޝަނުގައި އިމިގްރޭޝަނުން ދަނީ، ގަވައިދާ ޚިލާފަށް ބިދޭސީން ތޮތްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި، އާންމު ރައްކާތެރިކަމަށް ބެލުމެއް ނެތި މިފަދަ ފަރާތްތަކުން ދިރިއުޅެމުންދާ ތަންތަން ބަލައި، ފާސްކުރަމުންނެވެ. އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް އުޅޭ މީހުންނަށް މިފަދަ ތަންތަން ކުއްޔަށްދީފައިވާ ފަރާތްތަކުން އިމިގްރޭޝަނުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ. އަދި، ރާއްޖޭގައި ހުރުމުގެ ހުއްދަ ނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަގޮތަށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާމެދު ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށެވެ.
މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ހިމެނޭ، މިފަދަ ހުރިހައި ބިދޭސީން އުޅޭ، އެކޮމަޑޭޝަންތައް ބަލާ ފާސްކުރާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. ވަކި ތަންތަނަށް ޚާއްސަކޮށްގެން ފެށި މިއޮޕަރޭޝަނުގައި އިއްޔެ މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި މިފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަކީ އިމިގްރޭޝަންގެ މަގްސަދުކަމަށް، އެއިދާރާއިން ބުނެފައި ވެއެވެ.




