ތިލަމާލެ ބްރިޖްގެ މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަށް ނިންމޭނެކަން ކަށަވަރުކުރުމަށް އެ މަޝްރޫއުގެ މޮނިޓަރިންގ ކޮމިޓީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މި ބައްދަލުވުން ބޭއްވީ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް އިންޑިއާގެ މުންބާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ މުމްބާއީގެ ވިދޭޝް ބަވަންގަ އެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ-ތިލަފުށި ލިންކް ޕްރޮޖެކްޓްގެ 12 ވަނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުގައި ޑރ. މުއްޠަލިބާއެކު ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ހައި ކޮމިޝަނަރު މުނު މަހާވަރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތާޢާމް މުޙައްމަދު، މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދު، އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި، ޕްރޮޖެކްޓް ކުރިއަށްދާ މިންވަރު ބެލުމަށްޓަކައި ސްޓްރެޓެޖިކް އަދި ޓެކްނިކަލް މަޝްވަރާތައް ކުރެވުނުކަމަށް ބިނާރާއި ބެހޭ ވުޒާރާއިން ބުންޏެވެ. އަދި، މި ބައްދަލުވުމުގެ މަޤްޞަދަކީ ޕްރޮޖެކްޓް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށްޓަކައި މިނިސްޓްރީތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ އެންމެ އިސް ފަންތީގެ ބޭފުޅުންގެ ޝާމިލްވުމާއެކު ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމޭނެކަން ކަށަވަރު ކުރުންކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. މިއީ، އިންޑިއާގައި މި ކޮމިޓީގެ ބައްދަލުވުން ބޭއްވި ފުރަތަމަ ފަހަރެވެ.
މިހާތަނަށް ޕްރޮޖެކްޓްގެ 43.59 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ، މާލެއިން ގުޅީފަޅާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު 31 ވަނަ ދުވަހު އެވެ. އަދި ގުޅީފަޅުން ތިލަފުށްޓާ ހަމައަށް މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 30 ވަނަ ދުވަހަށްކަމަށްވެސް ބިނާރާއި ބެހޭ މިނިސްޓްރީން މީގެކުރިން ބުނެފައި ވެއެވ.



