ރާއްޖޭގެ ސަފީރުން ތިއްބަވާ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް ދިވެހިރާއްޖެއަށް ފައިދާއާއި މަންފާހުރި ފުރުޞަތުތައް ފަހިކޮށް ދިނުމަށް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދިވެހި ސަފީރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ވަޒީރު މިފަދައިން އެދިވަޑައިގެންނެވީ، ބޭރު ޤައުމުތަކުގައި ހުރި ދިވެހި މިޝަންތަކުގެ ސަފީރުންނާއި އަދި ހެޑްސް އޮފް މިޝަންއާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ޚާރިޖީ ވުޒާރާގައި ޒޫމް މެދުވެރިކުރައްވާ ބޭއްވެވި މި ބައްދަލުވުމުގައި، ވަޒީރުވަނީ މިޝަންތަކުގައި ސަފީރުން ތިއްބަވާ ޤައުމާއި ގުޅުން ބަދަހިކޮށް ދިވެހިރާއްޖެއަށް ފައިދާއާއި މަންފާހުރި ފުރުޞަތުތައް ފަހިކޮށް ދިނުމުގެ އިތުރުން އެ ޤައުމުގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހިންނަށް ކޮންސިއުލަރ އަވަސް ޚިދުމަތްތައް ފޯރުކޮށް ދެއްވުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދިވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި ނިމިދިޔަ ނުވަ މަސް ދުވަހު ޚާރިޖީ ވުޒާރާއިން ކުރެވުނު މަސައްކަތާއި އަދި ކުރިއަށް ރޭވިފައި ހުރި މަސައްކަތާ ގުޅޭގޮތުން މިނިސްޓަރ ސަފީރުންނާއި މަޝްވަރާ ކުރެއްވި އެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބޭރުގެ އެކި ފަރާތްތަކާ ޙިއްސާކޮށް، އެ ދާއިރާތައް ކުރިއެރުވުމުގައި މިޝަންތަކުން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.



