ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އެތެރޭގެ އިންތިޚާބް އިއުލާނުކޮށް، އެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ މެންބަރުންނަށް އާންމުކޮށް ހުޅުވާލައިފި އެވެ.
މިކަން އިއުލާނުކޮށްފައިވަނީ، އިންތިޚާބާއި ބެހޭ މައުލޫމާތުތައް ހާމަކުރުމަށް ޕީއެންސީގެ ލީޑަރޝިޕް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، އެ އިންތިހާބު ބާއްވަނީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހެެވެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރުގެ 30 ވަނަ ދުވަހުގެ ހަވީރު 18:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ޕީއެންސީން ބުނީ، މި މުއްދަތުގައި ޕާޓީގެ ދަފްތަރުގައި ހިމެނޭ ކޮންމެ މެންބަރަކަށްވެސް މަގާމަށް ކުރިމަތިވޭނެކަމަށެވެ. އަދި،އިންތިޚާބް ބާއްވާ ދުވަހާއި ހަމަޔަށް، ޕާޓީ ދަފްތަރުގައި ތިބޭ ހުރިހައި މެންބަރުންނަށް ވޯޓްލުމުގެ ފުރުސަތު ދޭނެކަމަށެވެ.
އިންތިޚާބާއި ބެހޭ ތަފްސީލު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވަމުން، އިންތިހާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލު ވިދާޅުވީ އިންތިހާބުގައި ޖުމްލަަ 2095 މަގާމަކަށް މެންބަރުން އިންތިހާބުކުރާނެކަމަށެވެ. އެގޮތުން ދާއިރާގެ ރައީސުންނާއި، ނައިބު ރައީސުންނާއި،ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި،އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި،ސިޓީތަކުގެ ހުރިހާ ދާއިރާއަކުން ވަކިވަަކިން ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި،ސްޓިއަރިންގް ކޮމިޓީތަކުގެ މެންބަރުން އިންތިހާބު ކުރެވިގެންދާނެކަމަށް ޚަލީލް ވިދާޅުވި އެވެ.
ޚަލީލު ވިދާޅުވީ، އިންތިހާބުގައި ދާއިރާތައް ކަނޑައަޅާފައިވާނީ ރައްޔިތުންގެ މަޖިލީހުގައި އިދާރީގޮތުން ދާއިރާތައް ކަނޑައަޅާފައި އޮންނަ ގޮތަށް ކަމަށާއި، އެގޮތުން ކޮންމެ ދާއިރާއަކުން ރައީސް އަކާއި ނައިބު ރައީސަކު އައްޔަން ކުރާނެކަމަށެވެ. އެހެންކަމުން ބާކީ 18 ދާއިރާގެ ދާއިރާ ރައީސުން އިންތިހާބުކުރާއިރު 93 ދާއިރާއެއްގެ ދާއިރާ ނައިބުރައީސުން އިންތިޚާބްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ، ރައީސުންނާއި ދާއިރާ ނައިބުރައީސުންގެ ގޮތުގައި ޖުމްލަ 111 ބޭފުޅުންނެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި، ކޮންމެ ރަށަކުން ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސަކާއި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސެއް އިންތިހާބުކުރާއިރު ސިޓީތަކުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ކޮންމެ ދާއިރާއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސަކާއި އަންހެނުންގެ ހަރަކާތުގެ ރައީސެއް އިންތިހާބުކުރާނެ އެވެ. ޒުވާނުންގެ ހަރާކާތާއި އަންހެނުންގެ ހަރަކާތުގެ ރަށު އަދި ދާއިރާ ރައީސުންގެ ގޮތުގައި ޖުމްލަ 420 މެންބަރުން އިންތިހާބުކުރަންވަނީ ހުޅުވާލާފަ އެވެ.
ސްޓިއަރިން ކޮމިޓީތައް އިންތިހާބުކުރާގޮތަށް ބަލާއިރު، 3،000 އަށްވުރެ ކުޑަ އާބާދީ އޮންނަ ރަށްތަކުން އިންތިޚާބު ކުރަނީ ހަތް މެންބަރުންގެ ސްޓިއަރިން ކޮމިޓީއެކެވެ. އަދި، 3،000 އަށްވުރެ އާބާދީ ބޮޑެތި ރަށްތަކުން ނުވަ މެންބަރުން ހިމެނޭ ސްޓިއަރިން ކޮމިޓީއެކެވެ. މީގެ އިތުރުން، ސިޓީތަކުގެ ކޮންމެ ދާއިރާއަކުން ނުވަ މެންބަރުން ހިމެނޭ ސްޓިއަރިން ކޮމިޓީތަކެއް އިންތިޚާބުކުރުމަށްވެސް ވަނީ ހުޅުވާލާފަ އެވެ.
ސްޓިއަރިން ކޮމިޓީތަކުގައި އާންމު މެންބަރުންގެ އިތުރަށް އަންހެނުންގެ މެންބަރަކާއި ޒުވާނުންގެ މެންބަރަކު ހިމެނޭނެ އެވެ. އެގޮތުން ސްޓިއަރިން ކޮމިޓީތަކުގެ އާންމު މެންބަރުންގެ ގޮތުގައި 1،144 މެންބަރުން އަދި ޒުވާނުންގެ މެންބަރުންނާއި އަންހެނުންގެ މެންބަރުންގެ ގޮތުގައި 420 މެންބަރުން އިންތިހާބުކުރާނެއެވެ.
މިއީ، ރާއްޖޭގެ ސިޔާސީ ޕާޓީއެއްގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށް ވެގެންދާނެކަމަށް ޕީއެންސީން ބުންޏެވެ.



